ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 14:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތުގައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތުގައި
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
ރައީސް ޔާމީންގެ ޝަރީއަތުގެ ހެކި ބަސް ނަގައި ނިމިއްޖެ، ދެން އޮންނާނީ ޚުލާސާ ބަޔާން އިއްވުން
 
އަޑުއެހުން އޮންނާނީ އޮކްޓޯބަރު 10 ގައި
 
ދެން އެމައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން
 
ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގައި ދެފަރާތުގެ ހެކިބަސް ނަގައި ނިންމައިފިއެވެ.

އެމަނިކުފާނާއި ދެކޮޅަށް ހެކީގެ ގޮތުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ދައުލަތުން ހުށައެޅިއެވެ. ނަމަވެސް ލުތުފީ ފިޔަވައި އެހެން ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށައެޅީ އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާނެވެ.

ދިފާއުގައި ރައީސް ޔާމީން ހުށައެޅުއްވީ ހެކީގެ ގޮތުގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަހެވެ. ބުދަ ދުވަހު އޮތް ޝަރީއަތަށް ވެސް އަަޒީމާގެ ހެކިބަސް ނަގަން ނިންމިއެވެ. ނަމަވެސް އަޒީމާ ވަނީ ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައިއެވެ. އަދި މި މައްސަލާގައި ދެއްވޭނެ ހެކިބަހެއް ނެތް ކަމަށް އެސިޓީގައި ވިދާޅުވެފައިވާ ކަމަށާއި ހެކިބަސް ދެއްވުމަށް އުޒުރުވެރިވާކަމަށް އެ ސިޓީގައި އަޒީމާ ވިދާޅުވެފައިވާކަމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޝަރީއަތުން ނިންމީ އަޒީމާ ކޯޓަށް ހާޒިރުނުކުރުމަށް ނިންމައި ހެކިބަސް ނުނެގުމަށެވެ.

ކިތާބީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ދިފާއުގެ ގޮތުގައި ހުށައެޅުއްވީ މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެކެވެ. އެނޫސްބަޔާނަކީ އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި ހުރި ކަންކަން ދޮގުކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެވެ. މީގެ އިތުރުން އެމްއެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިނގި މުއާމަލާތުތަކާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ވެސް ވަނީ ކިތާބީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށައަޅާފައެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައެޅި ލުތުފީގެ ހެކިބަހާއި ދިފާއުގައި ހުށައެޅި އަޒީމާގެ ހެކިބަސް ނުދެއްވާނެ ކަމަށް ވިދާޅުވެ ކޯޓަށް ސިޓީ ފޮނުއްވާފައި ވުމުން އެދެބޭފުޅުންގެ ހެކިބަސް ނުނެގުމަށް ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ވަނީ ނިންމާފައެވެ.

މި ޝަރީއަތުގައި ދެފަރާތުން ހުށަހެޅި ހެކިބަސް ނަގާ ނިމުމުން ދެން އެމައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ އޮކްޓޯބަރު 10 ގައި ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށް އެ ދައުވާގައި ބުނެފައި ވެއެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް