ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 13:10
އިމާރާތް ހުންނާނެ ގޮތުގެ މޮޑެލްއެއް
އިމާރާތް ހުންނާނެ ގޮތުގެ މޮޑެލްއެއް
އަވަސް
ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް
ފިނޭންސް މިނިސްޓްރީގެ އައު އިމާރާތުގެ މައްސަލައިގައި ދައުލަތާ ދެކޮޅަށް 450 މިލިއަން ރުފިޔާގެ ދައުވާއެއް
 
އިމާރާތް އަޅަނީ ހުޅުމާލޭ ފޭސް-2 ގައި
 
30 މިލިއަން ޑޮލަރަކީ މިހާތަނަށް ކުރި މަސައްކަތުގެ ފައިސާ
 
ސަރުކާރުން މިހާތަނަށް މަޝްރޫއު ކުރިޔަށް ގެންދާނެ ކަމުގެ ފެހި ސިގްނަލް ދީފައެއް ނުވޭ

ދިވެހި ސަރުކާރުން ތަރައްގީކުރަން އުޅުނު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ 25 ބުރީގެ އިމާރާތުގެ އެއްބަސްވުމާއި ޙިލާފުވީކަމަށް ބުނެ، ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރު ހޯދަން އަރބިޓްރޭޝަން މައްސަލައެއް ހުށައަޅައިފިއެވެ.

މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ ޑަބްލިޔުޒީއާރް ޕްރޮޕަޓީ އެސްޑީން ބީއެޗްޑީ އިން މިމައްސަލަ ހުށައަޅާފައިވަނީ، އޭޝިއަން އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރަށެވެ. މި މައްސަލައިގެ އަަރބިޓްރޭޝަންގެ މަރުހަލާ ކުރިޔަަށް ގެންދާނީ އެ ސެންޓަރުގެ މާހިރުންނެވެ.

މެލޭޝިއާގެ ނޫހެއް ކަމުގައިވާ މެލޭ މެއިލްއަށް މައުލޫމާތު ދެމުން ޑަބްލިޔުޒީއާރް ޕްރޮޕަޓީ ޗެއަރމަން ޑަޓުކް ސަޒްމީ މިއާ ބުނީ، އެކުންފުނިން މި އިމާރާތް އެޅުމުގެ ޕްރޮޕޯޒަލް ހުށައަޅާ، ބިޑް ކާމިޔާބުކުރީ ބޭރުގެ އިތުރު ހަ ކުންފުންޏަކާ ވާދަކުރުމަށް ފަހުގައި ކަމަށެވެ.

ޑަބްލިޔުޒީއާރް ޕްރޮޕަޓީއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016ވަނަ އަހަރުގެ މަރޗް މަހުގެ އެއްވަން ދުވަހުގައެވެ. މިމަޝްރޫއުގެ ނޮވޭޝަން އެގްރީމަންޓް އެޗްޑީސީއާ އެކު ސޮއިކުރެވުނީ 2017ވަނަ އަހަރުގެ މަރޗް މަހުގެ ހަތްވަނަ ދުވަހުގައެވެ. ނޮވޭޝަން އެގްރީމަންޓްކީ އެއްބަސްވުމެއްގައިވާ ޒިންމާތައް ތިންވަނަ ފަރާތަކުން އަދާކުރަން ވެވޭ އެއްބަސްވުމެކެވެ. ނޮވޭޝަން އެގްރިމަންޓްގައި ސޮއިކުރެވެނީ، އެއްބަސްވުމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން މިފަދަ ބަދަލެއް ގެނައުމާއި މެދު އިއުތިރާޒެއް ނެތްކަމުގައި ވަނީ ނަމައެވެ.

އިމާރާތް ހުންނާނެ ގޮތުގެ 3-ޑީ މޮޑެލްއެއް

ޖުމްލަ 123 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ މަސައްކަތުގެ 20 އިންސައްތަ ނިންމާ އަދި ޕައިލިންއާއި ސްޓްރަކްޗަރގެ 60 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް ޑަބްލިޔުޒީއާރް ޕްރޮޕަޓީއިން ބުނެފައިވެއެވެ. ނަމަވެސް މިމަސައްކަތުގެ ފައިސާގެ އެއްވެސް މިންވަރެއް އަދި ސަރުކާރުން ދައްކާފައި ނުވެއެވެ.

ސަޒްމީ ބުނީ ސަރުކާރު ބަދަލުވީ ފަހުން، މިމަޝްރޫއު ކުރިޔަށް ގެންދިޔުމާއި މެދު ގޮތެއް ނިންމާފައިނުވާ ކަމަށެވެ. މިމަޝްރޫއުގެ ފައިސާއާ ގުޅިގެން، ސިޓީގެ ޒަރިއްޔާއިން ދިވެހި ސަރުކާރާއެކު މުއާމަލާތް ކުރެވިފައިވާ ކަމަށާއި އަދި ހާރިޖީ މަސްދަރުތަކުން، މެލޭޝިއާގެ ހާރިޖީ ވުޒާރާ (ވިސްމާ ޕުތްރާ) މެދުވެރިކޮށް ވެސް މުއާމަލާތް ކުރެވިފައިވާ ކަމަށް ސަޒްމީ ބުންޏެވެ.

މިިމުއާމަލާތްތަކާއި ގުޅިގެން ދިވެހި ސަރުކާރާއެކު ބައްދަލުވުންތަކެއް ބޭއްވުނު ނަމަވެސް، މިހާތަނަށް އަދި މަޝްރޫއު ކުރިޔަށް ގެންދޭތޯ ނުވަތަ ނޫންތޯ ސީދާ ޖަވާބެއް ލިބިފައި ނުވާކަމަށް ސަޒްމީއާ ހަވާލާދީ މެލޭ މެއިލްގައި ރިޕޯޓްކޮށްފައިވެއެވެ. އަދި މިހާރު ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ މުއާމަލާތް ނުކޮށް ވަގުތު ހޭދަކޮށްގެން، ޒިންމާތަކުން ރެކިގަންނަން ކަަމަށް ސަޒްމީ ތުހުމަތު ކުރެއްވިއެވެ،

ސަޒްމީ މިހެން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މާލީ ވަޒީރު އިބްރާހިމް އަމީރު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއަށް ފޮނުވި ސިޓީތަކަށް ޖަވާބުދާރީ ވެފައި ނެތުމުންނެވެ. ސަރުކާރުގެ އެންމެ އިސްފަރާތްތަކަކަށް މިހާތަނަށް ބައްދަލުކުރެވުނީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު މުހައްމަދު ފިރްޒުލް ހުސައިންއާއި މެލޭޝިއާއަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވިސާމް އަލީއާއެވެ.

މެލޭ މެއިލްއިން މި މައްސަލައިގައި ބަހެއް ހޯދުމަށް ވިސާމްއަށް ގުޅާލުމުން، ވިސާމް ވަނީ ސަރުކާރުން އެކުންފުންޏާ އެކު މުއާމަލާތް ކުރަމުންގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި މަޝްވަރާތަކަށް ބުރޫއަރާފާނެތީ ވިސާމްވަނީ އިތުރު މައުލޫމާތެއް ދެވެން ނެތަކަމަށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމުގެ މަޝްރޫއު ފަށާފައިވަނި ރައީސް ޔާމިންގެ ސަރުކާރުގައެވެ. އަދި އެމަސައްކަތް ކުރުމަށް މިހާރުގެ ފިނޭންސް މިނިސްޓްރީގެ ވަށައިގެން އޮތް ބިން ހުސްކުރުމަށް ފަހު، އިމާރާތް އެޅުމަށް ފަހުން ނިންމީ ހުޅުމާލޭ ފޭސް-2 ގައެވެ. 36 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅި އިމާރާތުގެ މަސައްކަށް ފެށީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޔޫ ޝޭޕްގެ މިއިމާރާތައް ދެވުނު ނަމަކީ "ޔޫ ބިލްޑިންގް" އެވެ. މިއިމާރާތް އެޅުމުގެ މަސަައްކަތަށް މެލޭޝިއާގެ ސަރުކާރުން އެހީވާނެކަމަށްވެސް، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
40%
0%
10%
ކޮމެންޓް