ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 22:21
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަނީ
ރައީސް އޮފީސް
އދ،ގެ 74 ވަނަ ޖެނެރަލް އެސެމްބްލީ
ޕެރިސް އެގްރީމަންޓްގެ ޓައިމްލައިންތަކަކަށް ރާއްޖެއަކަށް މަޑެއް ނުކުރެވޭނެ، އަދި ނުކުރާނަން: ރައީސް
 
"ރާއްޖޭއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ބޭނުން ކުރުން 2023 އަށް ހުއްޓާލާނަން"
 
"[މޫސުމީ މައްސަލައަކީ] ރާއްޖެއިން ކުރިކަމެއް ނޫން ނަމަވެސް، މި ކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން ވަނީ އަޒުމް ކަނޑައަޅާފަ"
 
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި އަންގާރަ ދުވަހު ތަގްރީރު ކުރައްވަމުން

2016 ވަނަ އަހަރުގެ އދ.ގެ ޖެނެރަލް އެސަމްބްލީގައި 31 ގައުމަކުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލި "ޕެރިސް އެގްރީމަންޓް"ގައި ބުނާ ޓައިމަލައިންތަކަށް ދިވެހިރާއްޖެއަކަށް މަޑު ނުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި އަންގާރަ ދުވަހު ތަގްރީރު ކުރައްވަމުންނެވެ.

އެގޮތުން، ރައީސް ވިދާޅުވީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް ނުލިބިގެންދާތާ ތިރީހަށްވުރެ ގިނަ އަހަރުވެފައިވާކަމަށެވެ. އަދި ދިވެހިން މި ވާހަކަ ދައްކާތާވެސް 30 އަހަރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީގެ ސަބަބަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރާއްޖެ ނެތި ދިއުމުގެ ބިރު އޮތުން ކަމަށެވެ.

މިކަމުގެ ސައިންޓިފިކް ހެކި ވަރުގަދަވި ނަމަވެސް، މުޅި ދުނިޔެއަށްވެސް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2016 ވަނަ އަހަރުގެ "ޕެރިސް އެގްރީމަންޓް" އަކީ ދުނިޔެއަށް ބޭނުންވެފައިވާ އެއްބަސްވުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ހިސާބުން ކުރަން ހުރި ކަންތައް ނިމުނީ ނޫންކަމަށެވެ.

"[މޫސުމީ މައްސަލައަކީ] ރާއްޖެއިން ކުރިކަމެއް ނޫން ނަމަވެސް، މި ކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން ވަނީ އަޒުމް ކަނޑައަޅާފަ. ރާއްޖެއަކަށް ޕެރިސް އެގްރީމަންޓްގައި ބުނާ ޓައިމްލައިންތަކަކަށް މަޑެއް ނުކުރެވޭ، އަދި ނުކުރާނަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މޫސުމީ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން، ރައީސް ސޯލިހް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދަނީ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓްސް އަދި އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ މެމްބަރު ގައުމުތަކާ އެކު ކަމަށެވެ.

މީގެ އިތުރުން، ރައީސް ސޯލިހް ވަނީ ހޯމަ ދުވަހު "ކްލައިމެޓް އެކްޝަން ސަމިޓް" ގައި އިއުލާން ކުރެއްވި "ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑްސް" ޕްލޭންގެ ވާހަކަވެސް ދައްކާވާފައެވެ. އަދި މި ޕްލޭންގައި ކުދި ޖަޒީރާ ގައުމުތަކަށް ވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމުގެ ކުޅަދާނަކަންދޭ ވަށާޖެހޭ ފިޔަވަޅުތައް ހިމެނޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، "މި ޕްލޭންގެ ދަށުން ރާއްޖޭއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ބޭނުން ކުރުން 2023 އަށް ހުއްޓާލަން" ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، މޫސޫމީ ބަދަލުތަކާއި ކަނޑުތަކާ އޮތް ގުޅުން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއަށް ޒިޔާރާތް ކުރާ ފަރާތަކަށް އެއްވެސް ރަށެއް ނުވަތަ ބިމެއް ފެންނާނީ ރާއްޖޭގެ އެތައް މޭލު އެތެރެއަށް ވަނުމަށް ފަހުކަމަށެވެ.

"މޫސުމީ މައްސަލަތަކަށް ހައްލެއް ނުގެނެސް ކަނޑުތައް ހިމާޔަތެއް ނުކުރެވޭނެ، އަދި ކަނޑުތައް ހިމާޔަތް ނުކޮށް މޫސުމީ މައްސަލަތަކަށް ހައްލެއް ނުގެނެވޭނެ. މިކަމަކީ ރާއްޖެއަށް ޕަރސަނަލްކަމެއް"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
70%
0%
10%
10%
0%
ކޮމެންޓް