ޓެރަރިޒަމް މަނާކުރުމުގެ ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހު ދިރާސާކުރުމަށް ކޮމިޓީ ބައްދަލުވުންތައް ސިއްރު ނުކުރާކަމަށް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމްޝަރީފް ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވަނީ އާދީއްތަ ދުވަހުއެވެ. ހޯމަ ދުވަހުގެރޭ ވަނީ އެ ބިލަށް ކޮމިޓީގައި ދިރާސާ ކުރަން ފަށާފައެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހު އެ ކޮމިޓީގެ ދެ ބައްދަލުވުން ބާއްވާފައިވާއިރު ދެ ބައްދަލުވުން ވެސް ސިއްރެވެ.
އެކަމާއި ގުޅިގެން ބިލް ދިރާސާ ކުރާ ކޮމިޓީތައް ސިއްރު ކުރާގޮތަށް ހަމަޖެއްސާފައިވޭތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން ޝަރީފު ވިދާޅުވީ ދެ ދުވަހުވެސް ސިއްރު ކޮށްފައިވަނީ އެ ބިލުގެ އިދާރީ މަސައްކަތްތައް ކުރާތީ ކަމަށެވެ. އަދި އިދާރީ މަސައްކަތް ނިމުމުން ދިރާސާ ކުރާ ކޮމިޓީ ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެ ކޮމިޓީއިން ބިލް ދިރާސާ ކުރުމަށް ފުރަތަމަ ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހޯމް މިނިސްޓްރީ ވަނީ ހާޒިރު ކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށައަޅުއްވާފައިވާ އެބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފައެވެ. އެގޮތުން ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް އެ ބިލާމެދު ޚިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށެވެ. އެގޮތުން ގާނޫނުން ލިބިދޭ އަސާސީ ހައްގުތައް ކުޑަ ކުރުމަށް އެއްވެސް މެމްބަރަކު ބޭނުންވެނުލައްވާ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތް ހައްޔަރު ކުރުމަށްފަހު 48 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަންޖެހެނީ ކީއްވެތޯ އާއި ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް ބިލްގައި އޮތުމާއި އަސާސީ ހައްގުތައް ކުޑަކުރަން ނިންމި ސަބަބު ފުލުހުންނާއި ބަންޑާރަނައިބުގެ އޮފީހުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރާއި އެކު މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ބިލްގައި ބުނާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ އަތުގައި، ކުށެއް ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ މީހެއް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފައެވެ. އެގޮތުން މައްސަަލައިގައި ޝަރީޢަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށް ބިލްގައިވެއެވެ.