ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 14:39
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
ރާއްޖެ އެމްވީ
241 ކޮމިޓީ
ރިލްވާން މައްސަލައިގައި އެންއައިސީ ހާޒިރުކުރުން އަންނަ މަހު 3 ވަނަ ދުވަހަށް
 
ފުލުހުން ހައްޔަރުކުރަން އެކަށީގެންވާ ހެއްކެއް ނެތް ކަމަށް އެންއައިސީއިން ބުނެފައިވޭ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ) އަންނަ މަހު ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އަންގާރަ ދުވަހު ނިންމީ ރިލްވާން މައްސަލައިގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް އެންއައިސީއިން ބުނެފައިވާތީ އެކަމުގެ ތަފުސީލު ހޯދުމަށް އެކޮމިޝަން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އެގޮތުން މަޖިލީހުގެ ދައުރު ފެށުމުން އެކޮމިޝަން ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީއިން އަންގާރަ ދުވަހު ވަނީ ނިންމާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންއައިސީ ހާޒިރު ކުރަން ނިންމާފައިވަނީ މަޖިލީހުގެ ދައުރު ފެށުމުން, އަންނަ މަހުގެ 3 ވަނަ ދުވަހަށެވެ.

ރިލްވާނުގެ އާއިލާއިން 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެންއައިސީއަށް ހުށައެޅި މި މައްސަލައިގެ ޖަވާބު ދެމުން އެންއައިސީން ބުނެފައިވަނީ އެ މައްސަލަ ބަލައި ތަހުގީގުކުރުމުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ކޮމިޝަނުގެ ތަހުގީގަށް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.އެގޮތުން ފުލުހުން އެ މައްސަލައިގައި އިހުމާލުވެފައިވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އެންއައިސީއިން އެހެން ބުނެފައިވާއިރު މަރުތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޓީއިން ތައްޔާރު ކުރި ޑްރާފްޓް ރިިޕޯޓްގައި ބުނެފައިވާ ގޮތުގައި ރިލްވާން މަރާލުމުން ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނު ކަމަށް ވަނީ ބުނެފައެވެ. ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނު ކަމަށާއި ހަސަން އަލީ ވަނީ އެކަމަށް ތަހުގީގީ އިދާރާއަށް ބަޔާނެއް ވެސް ދެއްވާފައި ވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށާއި އަދީބު އެމްއެންޑީއެފްގެ ސީނިއާ ފަރާތަކަށް ކޮޕީ ހޯދުމަށް އެދުނުކަން ތަހުގީގަށް ވަނީ އެނގިފަ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރިލްވާން މަރާލުމުގެ ކުރިން ވެސް ފުލުހުން ފާރަލާފައިވާ ކަމަށާއި އެކަމަކީ ރިލްވާނަށް އައި އިންޒާރަކާއި ހެދިކަމަށް ފުލުހުން ބުނެފައިވާކަމަށާއި އެވާހަކައާއި ފުށު އެރުންތައް ހުރިކަމަށާއި ފުލުހުން ދޭ ޖަވާބު ދިމާ ނުވާ ކަމަށް މަރުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން ޖޫން 24، 2014 ގައި ހުޅުމާލޭގައި މީހަކު ރަހީނު ކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރު ކޮށްފައިވާކަމުގެ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ކުރިން ލިބިފައި އޮތްކަމަށެވެ. އެކަން ފަހުން ބަދަލުކޮށްފައިވަނީ ފުލުހުންގެ ޕޮލިޓިކަލް ސެކްޝަނަށް ކަމަށެވެ. އެކަމުގައި ފުލުހުން ކޯޓަށް ހުށައެޅި ފޯމުގައި ބުނެފައިވަނީ ދައުލަތާއި ދެކޮޅު ހަރަކާތް ހިންގާތީ ފޯނުކޯލުތައް އަޑުއަހާލަން ފާރަލީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް