ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 20:17
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް
ރާއްޖެއެމްވީ
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ
ކުރީ ސަރުކާރުން ކަރބަން ނިއުޓްރަލް ވައުދަށް އިހުތިރާމް ކުރިނަމަ އެކަން ހާސިލް ކުރެވި ރީތި ނަންވެސް ލިބުނީސް: ސައްލެ
 
މެމްބަރު ސަލީމް ވިދާޅުވީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަކަތަ އުފެއްދޭނެ ވަސީލަތް ލިބިފައިވާ ކަމަށް
 
ދިވެހި ރާއްޖެއަކީ އެއްވެސް ހާލެއްގައި ތެޔޮ އަންދައިގެން ކަރަންޓު އުފައްދަން ޖެހޭ ގައުމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށް މެމްބަރު ސަލީމް ވިދާޅުވި

ނިމިދިޔަ ސަރުކާރުން ކަރބަން ނިއުޓްރަލް ވައުދަށް އިހުތިރާމް ކުރި ނަމަ ރާއްޖެއަށް އެކަން ހާސިލް ކުރެވި، ރީތި ނަންވެސް ލިބުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ ހަޅުތާލުގެ ބައިވެރިންނާއެކު ބޭއްވުނު ކޮމެޓީގެ ބައްދަލުވުމުގައެވެ.

ހަޅުތާލުގެ ބައިވެރިއެއް ވާހަކަ ދައްކަވަމުން ބުނީ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ގައުމަކަށް 2020 ވަނަ އަހަރު ވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު ގެންގުޅުނު ކަމަށާއި 2019 ވަނަ އަހަރު ވީއިރުވެސް އެކަން ހާސިލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

އަޅުގަނޑުމެން ކުޑައިރު އަޑުއިވިގެން ދިޔައީ ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ގައުމަށް ވާ ވާހަކަ، 2020 ގައި، އެކަމަކު އަޅުގަނޑުމެންނަށް 2019 ގައި މިފެންނަނީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތެޔޮ އަންދާ 53 ޖެނެރޭޓަރެއް ވަނީ އިންސްޓޯލް ކުރެވިފަ. އަޅުގަނޑުގެ ސުވާލަކީ ކީއްވެތޯއޭ އިޔާދަކުރަނިވި ހަކަތައަކީ މިޒަމާނުގައި ތެޔޮ އަންދާ ޖެނެރޭޓަރަށް ވުރެ މާ އިކޮނޮމިކަލް އެއްޗެކޭ. ކީއްވެތޯއޭ ތެޔޮ އަންދާ ޖެނެރޭޓަރ ބޭނުން ކުރަނީ؟
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

އަދި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަކީ މާ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ފައިދާ ހުރި ކަމެއް ކަން އެނގޭ އިރު ތެޔޮ އަންދާ ޖެނެރޭޓަރު ބޭނުން ކުރަމުން ގެންދަނީ ކީއްވެގެން ތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މެމްބަރު ސަލީމް ވިދާޅުވީ ދިވެހި ރާއްޖެއަކީ އެއްވެސް ހާލެއްގައި ތެޔޮ އަންދައިގެން ކަރަންޓު އުފައްދަން ޖެހޭ ގައުމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިރަކީ މައި އިންޖީނުގެ ގޮތުގައި ސިފަ ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަކަތަ އުފެއްދޭނެ ވަސީލަތް ލިބިފައިވާ ކަމަށެވެ.

މެމްބަރު ސަލީމް ވިދާޅުވީ 2020 ވަނަ އަހަރު ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ވުމަށްޓަކާ ސިޔާސަތެއް އޮތް ކަމަށެވެ.

ސުވާލަކީ ކީއްވެގެންތޯ މިކަން މިގޮތަށް ބޭނުން ކުރަން ލަސްވަނީ. ތި ވިދާޅުވިގޮތަށް 2020 ގައި ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ވުމަށްޓަކާ އޮތް އޭރުގައި ސިޔާސަތެއް. އެހެން ނަމަވެސް ސަރުކާރުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންނަ ބަދަލުތައް، ދެން އެއީ އަޅުގަނޑުމެން އެންމެން ކުރިމަތީގައި ހާމަވެފައިވާ ހަގީގަތެއް.
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

އަދި އެ ސިޔާސަތު އެގޮތަށް ކުރިއަށް ގެންދެވުނު ނަމަ ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމު ކަން މިއަދު ފަޚުރުވެރިކަމާއެކު ބުނެވޭނެ ކަމަށެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ފުރުސަތު ގެއްލިގެން ދިޔައީ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

އެހެންނަމަވެސް އެފުރުސަތު އަޅުގަނޑުމެންގެ ނަސީބު ދެރަކަމުން ގެއްލިގެން ދިޔައީ. އަންނަ އަހަރަކީ 2020. އަދި އަޅުގަނޑުމެން އޮތީ ތިވިދާޅުވި ގޮތަށް އޮތް ތާގައި
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

އަންނަ އަހަރަކީ 2020 އަހަރު ކަމުގައި ވީނަމަވެސް ކުރިއެރުމެއް ނުލިބޭ ކަން ފާހަގަ ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ އަދި "ލައްކަ" މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެޓީއިން ވަނީ ކްލައިމެޓް ޗޭންޖާއި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ގަރާރެއް ތައްޔާރުކޮށް، މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައި ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި މިހާރު މަޑުކުރަމުން ދަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވެން ދެން ކަމަށެވެ.

މޫސުމާ ބެހޭގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަޅުތާލުގެ ބައިވެރިން ކޮމެޓީގައި ބުނީ ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ ގޮތުންނާއި ގައުމީ ފެންވަރު ގައިވެސް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްްތަކާއި ގުޅޭ ގޮތުން ސަރުކާރުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ. އަދި ނާޒުކު ތިމާވެއްޓެއް އޮތް ކޮންމެ ރަށެއްގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަށް ކުރިއަށް ގެންދެވޭ މަަޝްރޫއުތަކެއްތޯ ބަލަން ޖެހޭ ކަމަށާއި މަޖިލީހަށް މި މަސައްކަތް ކުރެވެން އޮތް މިންވަރަކަށް ކުރުމަށް ހަޅުތާލުގެ ބައިވެރިންވަނީ ގޮވާލާފައެވެ.

މޫސުމާ ބެހޭގޮތުން ހަޅުތާލެއް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިވާއިރު އާދީއްތަ ދުވަހުވެސް ވެސް ވަނީ އެ ހަޅުތާލުގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 00:41
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
https://youtu.be/w0xT0SiTlJU