މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ގުދަންތައް ބެހެއްޓުން މަނާކޮށް ކެމިކަލް ގަވާއިދު ދެ ދުވަހެއްގެ ތެރޭގައި ގެޒެޓް ކުރަން ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ އެހެން ވިދާޅުވީ، ހުކުރު ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭގައި ހުރި ގުދަންތަކުގެ ދިރާސާ އަށް ފަހު މާލެއަށް ކެމިކަލް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި ހަތަރު ކަމެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ނިންމާފައިވާ ކަންތައްތަކަކީ މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ކެމިކަލް ގުދަން ކުރުން މަނާކުރުމާއި، ބޮޑެތި ކެމިކަލް ގުދަންތައް ތިލަފުށި އަދި ގުޅީފަޅު ފަދަ ރަށްރަށުގައި ބޮޑެތި ކެމިކަލް ހެދުމަށް ބިން ދިނުމާއި، ތިމާވެއްޓާއި ރައްކާތެރި ގޮތަށް ކެމިކަލް ނައްތާލުމަށްޓަކައި ކެމިކަލް ނައްތާލުމުގެ ކަންތައް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
އަދި އެކަންތައް ތަކުގެ އިތުރުން މިހާރުން މިހާރަށް އެންމެ މުހިއްމީ ކެމިކަލް ގަވާއިދު ގެޒެޓްކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ، މިހާތަނަށް ކެމިކަލް ގުދަންކޮށް ގެންގުޅެމުން ދިޔައިރު ކެމިކަލް ގަވާއިދެއް ހެދިފައި ނުވާކަމަށާއި، އެ ގަވާއިދަށް އެކުލަވައިލުމަށް އޭޖީ އޮފީހަށް ފޮނުވައި ގެޒެޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މާދަން ނޫން އަނެއް ދުވަހު މަންޑޭގައި ގެޒެޓް ކުރެވޭ ވަރަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީމާރިޔާ އަހުމަދު ދީދީ ~ ޑިފެންސް މިނިސްޓަރު ~
އެ ގަވާއިދުގެ މަގްސަދަކީ ނުރައްކާތެރި ކެމިކަލް އަކީ ކޮބައިކަން ކަނޑައެޅުމާއި، ކެމިކަލް އެތެރެކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލު ކަނޑައަޅައި ބަޔާން ކުރުމުގެ އިތުުރުން ނުރައްކާތެރި ކެމިކަލް ރާއްޖޭ އެތެރެކޮށް ގެންގުޅުމާއި އަަމަލު ކުރަން ޖެހޭ ރައްކާތެރި ބަޔާކުރުން ކަމަށެވެ.
ހޮނިހިރު ދުވަހު ހެންވޭރުގައި ފެހިއާބާދު ގޯޅީގައި އަލިފާން ހިފަން މެދުވެރިވީ އެތަނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވުމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނެއްގައި ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ފަހުގެ ތާރީހުގައި މާލޭގައި ހިނގި އެ އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ ގިނަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.