މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ދައުވާކުރަން އަންނަ ހަފްތާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހާތަނަށް އާންމު ކޮށްފައިވަނީ އެމައްސަލައިގައި ތައްޔާރުކުރި ޑްރާފްޓް ރިޕޯޓުގެ ޚުލާސާއެކެވެ. ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ރިޕޯޓު ނިންމައި އަންނަ ހަފްތާ ތެރޭގައި ކޮމިޝަނުން ޕީޖީއަށް ފޮނުއްވާނެ ކަމަށެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަ ހަފްތާތެރޭގައި ރިލްވާންގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވޭނެ ވަރު ވާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ދީފައި އޮތީ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މަރުކޮމިޝަނުގެ އެދުމުގެމަތިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރިލްވާން މައްސަލައިގައި ހިމެނޭ ފަރާތްތައް ދިރިއުޅޭ ގެތައް ވެސް ފާސްކޮށްފައެވެ. އޭގެ މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ގޭގެ ބަލައި ފާސްކުރީ ކޮމިޝަނުން ހޯދިފައި ހުރި ހެކިތަކަށް އިތުރު ބާރު ހޯދުމުގެ ގޮތުން ކަމަށެވެ.
ކޮމިޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ދައުވާ ކުރަން ނުފޮނުވީ ބަންދުގައި ބަހައްޓައިގެން މީހެއްގެ މައްޗަށް ދައުވާ ކުރެވޭނީ 30 ދުވަސް ކަމަށް ގާނޫނުގައި ބުނެފައިވާތީ އެ މުއްދަތުގެ ތެރޭގައި އެމައްސަލައިގައި މައްސަލަ ނިންމައި ދައުވާ ނުކުރެވިދާނެތީ ކަމަށެވެ. އެހެންކަމުން ކޮމިޓީއިން ނިންމީ މައްސަލަ ރަނގަޅަށް ބަލައި ތަހުގީގުކޮށް ނިންމުމަށްފަހު، ޝަރީއަތަށް ހުށައެޅޭވަރަށް ހެކި ހޯދުމަށްފަހު ނޫނީ މީހަކު ބަންދު ކޮށްގެން ތަހުގީގު ކުރުމަކީ ދަތިކަމަކަށް ވާތީ ކަމަށެވެ.
ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ.