ސީރިޔާގެ ދާހިލީ ހަނގުރާމަ އަށް ގޮސް ހާލުގައި ޖެހިފައިވާ ދިވެހިން އެހެން ގައުމެއްގައި ކޭމްޕް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ސީރިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ ފަހު ހަފްތާގައި އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރުމަށް ދެ ގައުމަކާއި މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެމީހުން ރާއްޖެ ގެނެސް އެމީހުން ބައިތިއްބާނެ ވަގުތީ ތަން ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ ކުރިން ސީރިޔާގައި ކޭމްޕްގައި ތިބި މީހުން އެތަނުން ނެރެ އެހެން ގައުމަކަށް ގެންގޮސް ރާއްޖޭގައި މި ސެޓްއަޕް ހަދާ ނިމުނީމަ. އަޅުގަނޑުމެން މިކޮޅަށް ގެނައުމުގެ މަސައްކަތް ކުރާނަންއިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ~
ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) މައުލޫމާތު ދީފައިވާ ގޮތުން ސީރިއާގެ ކޭމްޕްތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 54 މީހުން އެތާނގައި ދިރިއުޅެމުންދެއެވެ. އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުން އެތަނުގައި ގިނަ ދިވެހިން ތިބެނީ ސީރިއަން ޑިމޮކްރެޓިކް ފްރޮންޓްގެ އަތްދަށުގައި އޮންނަ ހައުލް ރެފިއުޖީ ކޭމްޕުގައެވެ.
މީގެ ކުރިން ސީރީޔާގައި ތިބި ދިވެހިން ގެނައުމުގެ ވާހަކަ ތިލަވުމާ އެކު ސޯޝަލް މީޑިއާގައި ވަނީ އެކަމާ ބެހޭ ގޮތުން ބަހުސް ފަށާފައެވެ. ގިނަ ބަޔަކު ބުނަނީ އެ މީހުން ރާއްޖެ ގެނެސްގެން ނުވާނެ ކަމަށާއި އެ މީހުންގެ ފަރާތުން ރާއްޖެ އަށް ނުރައްކާ އެބަ އޮތް ކަމަށެވެ. އަދި އޭގެ ތެރޭގައި ރޭވުމެއްގެ ދަށުން ރާއްޖެ އައިސް ހަމަލާތަކެއް ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމެއް ކަމަށް އޭރު ބައެއް ފަރާތްތަކުން ވަނީ ބުނެއެވެ.