ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 17:28
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް
މުހައްމަދު ޝަރުހާން
ރެމިޓެންސް ޓެކްސް
ރެމިޓެންސް ޓެކްސް އެއީ ނެގޭނެ އެއްޗެއް ކަމަކަށް ގަބޫލެއްނުކުރަން: މިނިސްޓަރު ފައްޔާޒް
 
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން މިމައްސަލަތަކަށް ހައްލެއް ލިބިގެންދާނެ: ފައްޔާޒް
 
ފައިސާ ބޭރުވާ ވާހަކަ ދައްކަންވީ ބިދޭސީންގެ ބަދަލުގައި ވަޒީފާތަކަށް ދާނެ ދިވެހިން ތިބިނަމަ: ފައްޔާޒް
 
ބައިނަލްއަގްވާމީ ހަމަތަކަށް ބަލާއިރު ބިދޭސީ މަސައްކަތު މީހުންގެ އަތުން ރެމިޓެންސް ޓެކްސްއެއް ނުނެގޭނެ: ފައްޔާޒް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ނަގާ ރެމިޓެންސް ޓެކްސް އެއީ ނެގޭނެ އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ބައިނަލްއަގްވާމީ ހަމަތަކުން ބަލާކަމުގައި ވަނީނަމަ، ބިދޭސީ މަސައްކަތު މީހުން (ލޭބަރަރޒް) ގެ އަތުން ރެމިޓެންސް ޓެކްސް އެއް ނުނެގޭނެ ކަމަށެވެ. ވަކާލާތު ކުރައްވަނީ ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލުމަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އޮބްލިގޭޝަންސްގެ ދަށަކުން އަޅުގަނޑުމެންނަކަށް ހުއްދަކުރާ ކަމެއް ނޫން، ރެމިޓެންސް ޓެކްސް ލޭބަރަރޒްގެ އަތުން ނެގުމަކީ. އަޅުގަނޑު ވާކާލާތު ކުރާނީ އެ ޓެކްސް ހުއްޓާލުމަށް. އަޅުގަނޑުމެން އިންޓަރނޭޝަނަލް ކޮމިއުނިޓީގެ މެމްބަރަކަށް ވާކަމުގައި ވަނީ ނަމަ، އެމީހުން ވެސް ގަބޫލުކުރާ ހަމަތަކެއް އަޅުގަނޑުމެންވެސް ގަބޫލުކުރަން ޖެހޭ
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މިނިސްޓަރ ފައްޔާޒް އިތުރަށް ވިދާޅުވީ ރެމިޓެންސް ޓެކްސްއަކުން ދައުލަތަކަށް މާބޮޑު ފައިދާތަކެއްވެސް ނުވާކަމަށެވެ. މިހާ ގިނަ ބިދޭސީން ތިބުމުން ގައުމުން ބޭރުވާ ފައިސާގެ އަދަދު ގިނަ ކަމުގައިވިއަސް، މީގައި ބަލަން ޖެހޭނީ އެމީހުންގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރާ ފައިދާއަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ފައިސާ ބޭރުވާ ވާހަކަ ދައްކަން އެންމެ ރަނގަޅީ އެ ބިދޭސީންގެ ބަދަލުގައި މަސައްކަތްކުރާނެ ދިވެހިން ތިބި ކަމުގައިވާ ނަމަކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ބޭފުޅުން ދައްކަވާ ވާހަކައެއް އެއީ، މިހާ ގިނަ ބިދޭސީން ތިބީމާ ހާދާ ބައިވަރު ފައިސާއެކޭ ރާއްޖެއިން އެދަނީ. ރަނގަޅު ވާހަކައެއް. އަޅުގަނޑުމެންނަށް އެ ރިޕްލޭސް ކުރާނޭ ދިވެހިން ތިބިނަމަ އެއީ ރަނގަޅު ވާހަކައެއް. ދިވެހިން ނެތީމާ އެމީހުން ލައްވާ ކުރާ އިގްތިސާދީ މަސައްކަތުން ގައުމަށް ވަންނަ ލާރިއެއް ނުވަންނާނެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބިދޭސީންނާ ނުލާ ރާއްޖޭގެ އިގްތިސާދުގެ ދުވެލި މަޑުވާނެކަމަށެވެ. އަދި އިގްތިސާދަށް ބޭނުންނާ އިންސާނީ ވަސީލައްތައް ލިބެން ހުރީ ބިދޭސީން ގެނެސްގެން ކަމަށާއި އެނޫން އިތުރު ގޮތެއް މިވަގުތައް ނެތް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ މައްސަލައަކީ ފައިސާ ފޮނުވުން ނޫންކަމަށާއި ގަވައިދާ ޙިލާފަށް ރާއްޖޭގައި އުޅުން ކަމަށެވެ. އޭގެ ސަބަބުން ދިވެހިންގެ ވަރަކަށް ކޮންމެވެސް ވަރަކަށް އަސަރުކުރާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިހާރު އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މިކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވައިދާ ޙިލާފަށް ރާއްޖޭގައި އުޅޭ 50000 ބިދޭސީން އަލުން ރަޖިސްޓްރީވުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، އަނބުރާ ގައުމަށް ފޮނުވާ ފައިސާއިން ޓެކްސްއެއް ނަގާގޮތަށް، ރެމިޓެންސް ޓެކްސްގެ ގާނޫނު ފާސްކުރީ 2015ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް