ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ.
އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކޮށްދެއްވީ އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ބުދަ ދުވަހު ބަންޑާރަކޮށީގައި ބޭއްވެވި ޚާއްސަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި، އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރ ޖެނެރަލް ސަފީނާޒް އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުހައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަބްދުﷲ އިބްރާހީމެވެ.
އެންޑީއެމްއޭއިން ހަދިޔާކުރި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓަރ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރެއްވި ޑްރޯންތަކެކެވެ.
ޑްރޯންތައް ހަދިޔާކުރުމަށް ބޭއްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.