މަސައްކަތް ކުރުމަށްޓަކައި ރާއްޖެ އެތެރެވާ ބިދޭސީންގެ އަތުން ނަގާ ޑިޕޮސިޓް ފައިސާ ވިޔަފާރިވެރިންގެ މަސައްކަތުގައި ބޭނުންކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސަން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިކަމުގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބިދޭސީންގެ އަތުން ނެގޭ ޑިޕޮސިޓް ފައިސާއަކީ ސަރުކާރަށްވެސް ބޭނުންކުރެވޭނެ ފައިސާއެއް ނޫން ކަމަށް ވިޔަސް އެ ފައިސާތަކަކީ އިގްތިސޯދުގެ ތެރޭގައި ބޭނުންކުރެވޭނެ ފަދަ ފައިސާ ތަކެއް ކަމަށެވެ. އަދި އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އޮތީ ނުހިފިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑިޕޮސިޓް ފައިސާގެ އުސޫލު މިހާރު އޮތް ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރަން ވިސްނަވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީންގެ ތެރެއިން ވަކި ޕަސެންޓަކުން އެ ފައިސާ ނަގާ ގޮތަށް އެ އުސޫލު ބަދަލު ކުރަން ނިންމަވާފައިވާ ކަމަށެވެ.
މިސާލަކަށް 100 މީހުން ތިބެއްޖެއްޔާމުން އޭގެ ވަކި ޕަސެންޓޭޖަކަށް ފައިސާ ބަހައްޓަން، އެއީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަންމު އުސޫލެއްގެ ދަށުން 100 މީހުން ފޮނުވާލަން ޖެހިދާނެ ކަމަކަށް ސަރުކާރަށް.
މިނިސްޓަރު ވިދާޅުވީ ބަލައިގަނެވޭ އަދަދަކަށް ބަލާފައި ވަކިއަދަދެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ލިބުމަށް ދައްޗެއް ނުވާގޮތަށް އެ ފަދަ ކަންކަން ގާނޫނީ އިމުގެ ތެރޭގައި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.