ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 18:25
ބިދޭސީންތަކެއް މަގުމަތީގައި އިށީނދެލައިގެން
ބިދޭސީންތަކެއް މަގުމަތީގައި އިށީނދެލައިގެން
މުހައްމަދު ޝަރުހާން
ބިދޭސީން
ބިދޭސީންގެ މައްސަލަތައް ދިރާސާކުރާ ޓާސްކްފޯސް: ކަމާއިބެހޭ ހުރިހާ މުއައްސަސާއެއް ހިމެނޭ
 
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަދުވެގެން 50000 ބިދޭސީން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދޭ
 
ރާއްޖޭގެ އިގްތިސާދަށާއި ބައިލެޓްރަލް ގުޅުންތަކަށް ކުރާނެ އަސަރުތައް މި ޓާސްކްފޯސްއިން ދިރާސާ ކުރާނެ
 
މައްސަލަތަކުގައި ކަމާއިބެހޭ މުއައްސަސާތަކުން ގުޅިގެން، ދުރާލާ ރޭވިގެން ކަންކަން ކުރެވިގެންދާނެ

ބިދޭސީންގެ މައްސަލަތައް ދިރާސާކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެކުލަވާލި ޓާސްކް ފޯސްގައި ކަމާއިބެހޭ ހުރިހާ މުއައްސަސާތަކެއް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ބިދޭސީންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. މިނިސްޓަރ ފައްޔާޒު ޗެއަރއެއްގެ ގޮތުގައި ހުންނަވާނެ މި ޓާސްކްފޯސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޓަރނީ ޖެނެރަލްގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ލޭބަރ ރިލޭޝަންސް އޮތޮރިޓީ އާއި އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތައް ހިމެނޭނެއެވެ.

މި ޓާސްކްފޯސް އުފެދިގެން ދިއުމުން މިފަދަ މައްސަލަތަކުގައި ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުން ގުޅިގެން އަދި ދުރާލާ ރޭވިގެން ކަންކަން ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި އަޅާ ކޮންމެ ފިޔަވަޅަކުން ރާއްޖޭގެ އިގްތިސާދަށާއި ބައިލެޓްރަލް ގުޅުންތަކަށް ކުރާނެ އަސަރުތައް މި ޓާސްކްފޯސްއިން ދިރާސާ ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ހަމަ ވަރަށް ވިސްނުންތެރިކަމާއެކު މިކަން ކުރިއަށްގެންދަން ބޭނުންވަނީ، އަޅުގަނޑުމެންގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް، މިހާ ދުވަސްވެފައި އޮތް މިހާބޮޑު މައްސަލައެއް ހައްލު ކުރުމަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށްގެންދިއުމަށްޓަކާ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަދުވެގެން 50000 ބިދޭސީން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ކަމަށެވެ. އަދި އޭގެތެރޭގައި ދިވެހިން، ބިދޭސީންނަށް ވަޒީފާ ދޭންބުނެ އެމީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާ ނެގުމަށްފަހު މަގުމައްޗަށް ދޫކޮށްލާފައި ތިބިމީހުން ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވަނީ އެފަދަ ފަރާތްތައް ގާނޫނުގެ އިމުގެ ތެރެއަށް ވައްދާ އޭގެ ދަށުން އެމީހުންނަށް މަސައްކަތް ކުރެވޭނެ ފަދަ ގޮތެއް ފަހިކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
0%
0%
33%
ކޮމެންޓް