ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގު ބޯޓެއްގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ކޮށްފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 2:00 އަށެވެ.
ދައުލަތުން އަދީބަށް ކުރާ ދައުވާގައި ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ކަނޑުމަގުން ވަޑައިގެން ފިއްލެވި މައްސަލައިގައި އަދީބުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ކުރާ ކަމަށެވެ. އެފަދަ ކުށަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުނެފައި ވެއެވެ. ނަމަވެސް އަދީބު އެކުށަށް އިއުތިރާފު ވެއްޖެނަމަ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ދައުލަތުން އެމައްސަލައިގައި ބުނެފައިވެއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހުއެވެ. އެދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެވަޑައިގެން ދެން އެކަހަލަ ކުށެއް ތަކުރާރު ނުކުރައްވާނެކަމަށް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އަދި އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދެއްވި ބަޔާނުގައި ވެސް އެގޮތަށް ވިދާޅުވެފައިވާނެކަމަށާއި ފިއްލެވުނީތީ މާފަށް އެދިވަޑައިގެންފައިވާނެ ކަމަށް އަންގާރަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވެފައިވެއެވެ.
އަދީބު ކުށަށް އިއުތިރާފްވެވަޑައިގެންނެވުމުން އެމައްސަލަ ބެއްލެވި ގާޒީ ވަނީ ދެން އެދައުވާގައި އޮންނާނީ އަވަސް ނިޔާ ކަނޑައެޅުއްވުން ކަމަށް ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި މި މައްސަލައިގައި އަދީބު ކުށަށް އިއުތިރާފު ވެވަޑައިގެންނެވުމުން އޭނާއަށް އަދަބެއްގެ ގޮތުގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައު އަދީބު ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާންކުރާ ލިޔެކިޔުންތައް ޝަރީއަތައް ހުށައަޅުއްވާފައެވެ.
އެ ކުށަށް އަދަބު ކަނޑައަޅުއްވާއިރު އޭނާގެ ސިއްހީ ހާލަތައް ރިއާޔަތް ކުރެއްވުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިވަޑައިގެންނެވިއެވެ. ސުޕްރީމް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމް ކުރެއްވި ނަމަވެސް ސިއްހީ ހާލަތަށް ބެލުމަށްފަހު އޭނާ ހުންނެވީ ގޭ ބަންދުގައިކަން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ފާހަގަކުރައްވާފަ އެވެ.