ކްރޮސްރޯޑްސް މޯލްޑިވްސް އާއި ދިވެހި ބަހުގެ އެކެޑަމީއާއި ގުޅިގެން ދިވެހި ބަހާއި ސަގާފަތް ފަތުރުވެރިކަމުގެ ތެރެެއިން ކުރިއެރުވުމުގެ މަސައްކަތް ފަށައިފިއެވެ.
ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި އާދަކާދައާއި ގުޅިގެން މައުލޫމާތު ދިނުމުގައި ދިވެހި ބަހުގެ އެކެޑެމީ އިން ޓެކްނިކަލް އެހީތެރިކަން ކްރޮސްރޯޑްސް މޯލްޑިވްސް އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ކްރޮސްރޯޑްސްގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް އެކެޑެމީގެ ފަރާތުން ކުރިއަށް ގެެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިބަހުން ކްރޮސްރޯޑްސްގެ ޕްރޮމޯޝަނަލް ސްކްރިޕްޓްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީ ދިވެހިބަހަށް އަހުލުވެރިކުރުމަށްޓަކައި ވޯކްޝޮޕްތައް އެކެޑެމީގެ ފަރާތުން ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ފަތުރުވެރިން ރާއްޖެ އަންނަނީ ހަމައެކަނި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދު ބަލާލަން ނޫން ކަމަށާއި ދިވެހި ބަހަކީ ވެސް އެމީހުން ވަރަށް ބޮޑަށް ޝައުގުވެރިވާ އެއްޗެއް ކަމުގައެވެ. އަދި ކްރޮސްރޯޑްސް އާއި އެކު ކުރެވޭ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ ދިވެހިބަސް ކުރިއެރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ގޮތުގައި ވެސް ސިފަކުރެއްވިއެވެ. ދިވެހިބަސް ކުރިއެރުވުމަށް ކްރޮސްރޯޑްސް އިން ދޭ އެހީތެރިކަން ފާހަގަ ކުރައްވާ ވިދާޅުވީ، އުއްމީދު ކުރައްވަނީ އެހެން ރިސޯޓް ތަކުންވެސް ކްރޮސްރޯޑްސް ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރުން ކަމަށެވެ.
ކްރޮސްރޯޑްސްއަކީ ތައިލެންޑުގެ ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ މަޝްރޫއެކެވެ. މިތަނުގައި ހާޑްރޮކް ހޮޓެލްސް ރިސޯޓަކާއި ހިލްޓަން ހޮޓެލްސްގެ ކިއުރިއޯ ކަލެކްޝަންގެ ސައި މޯލްޑިވްސް ލެގޫން ރިސޯޓު ހިމެނެއެވެ. އޭގެ އިތުރުން، ދިވެހިން ޕިކްނިކަށް ދާނެ ސަރައްހައްދަކާއި "ދަ މެރީނާ" ގެ ނަމުން ނަން ދެވިފައިވާ އެންޓަޓެއިންމަންޓް އެންޑް ލެޝަރ ސަރަހައްދެއް ވެސް ހިމެނެއެވެ. އެންބޫދޫ ފަޅަކީ ހަތް ކިލޯމީޓަރުގެ ދިގު ފަޅެކެވެ.