ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގު ބޯޓެއްގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގައި ޝަރީއަތުގައި އިއުތިރާފް ވުމާއި ގުޅިގެން އޭނާއަށް ހުކުމް ކުރުން ފަސް ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެއްޖެއެވެ.
ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގައި ދައުލަތުން ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ކަނޑުމަގުން ވަޑައިގަންނަވަނިކޮށް މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އަދީބު އެކުށަށް އިއުތިރާފު ވެއްޖެނަމަ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާއަށް ދައުލަތުން ކުރާ ދައުވާއަށް އިއުތިރާފުވެވަޑައިގަންނަވާ ކަމަށާއި ފުލުހުންގެ އިދާރާއަށް އެކަމަށް އިއުތިރާފުވެވަޑައިގެން ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އަދި އެކަމަށް މާފަށް އެދިލައްވާފައިވާނެ ކަމަށާއި އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. ރާއްޖެއިން އޭރު ފިއްލެވީ ފުރާނައަށް ނުރައްކާވާތީ ބޭރުގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރެއްވީ ފިއްލަވަން ޖެހުނީ އެކި ފަރާތްތަކުގެ ބިރު ދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަދީބު އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފު ވެވަޑައިގެންނެވުމުން ދެން އޮންނަ މަޖިލީހެއްގައި އޮންނާނީ އަވަސް ނިޔާގެ ޝަރީއަތް ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އަވަސް ނިޔާގެ ޝަރީއަތް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި އަދީބު ކުށަށް އިއުތިރާފު ވެވަޑައިގެންނެވުމުން ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރު ވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ ޖަލު ބަންދުގައި ހުންނެވުމަށްފަހު އަދީބު ގެއަށް ބަދަލު ކޮށްފައިވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ހާލަތަށް ބެލުމަށް ފަހު ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ގައެވެ.
އަދީބު ވަނީ އަންގާރަ ދުވަހު ބޭއްވި އެ ޝަރީއަތަށް ޑޮކްޓަރުން އޭނާގެ ބަލި ހާލަތު އަންގާ ދީފައިވާ މެޑިކަލް ސެޓްފިކެޓްތައް ވެސް ހުށައަޅުއްވާފައެވެ.