ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި، "އަބުރު ފަންޑު"ގެ ނަމުގައި ފަށާފައިވާ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގއ. ދެއްވަދޫފައި ފަންޑު ފޮއްޓެއް ބަހައްޓާއިފިއެވެ.
ހުކުރު ދުވަހު މެންދުރު ފަހު ރާއްޖެޓީވީން މި ކެމްޕެއިން ލޯންޗްކޮށް، ރާއްޖެ ޓިވީގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާއިރު، ދެއްވަދޫގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވަނީ، ރާއްޖެޓީވީއަށް ތާއީދުކުރާ ދެއްވަދޫގެ ރައްޔިތުން އިސްނަގައިގެން އެ ރަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައެވެ.
ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ހުޅުވުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ހުސްވި ހަފްތާގެ އަންގާރަ ދުވަހު ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީއެވެ.
މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު އެނާ ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ރާއްޖެޓީވީ ޖޫރިމަނާކޮށް، އަދި ނޫސްވެރިންނަށް އަދަބުދެމުން ދަނީ ރާއްޖެޓީވީ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވޭ މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގައި އޮތް މި ސްޓޭޝަންގެ އެހެން މައްސަލައިގައި 800،000ރ. އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްލާނެކަން. މިގެންދަނީ ސީދާ ރާއްޖެޓީވީ ބަންދުކުރުމާ ދިމާއަށް،" ފަންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޔާޒު ވިދާޅުވިއެވެ.
ނުހައްގުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ، ބިރު ދައްކައިގެން އަދަބު ދީގެން ވެސް ރާއްޖެޓީވީގެ ނޫސްވެރިންގެ ހިތްވަރު ބަލި ނުކުރެވޭނެކަން އެނގޭތީ ކަމަށް ފިޔާޒު ވިދާޅުވި އެވެ.
ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެނޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެއެވެ.