ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައިފިއެވެ.
ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާގައެވެ. މިކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ހަސަން އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން ނިންމީ، އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހަސަން އަލީ ގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ރަސްމީކޮށް ޖޭއެސްސީއަށް އަންގާފައިވާތީ ކަމަށެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސަައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރައްވަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެވެ. އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ އަހްމަދު ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ.