މާލޭ ލީގުގައި ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ފެންވަރު ދައްކާލައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ވެލެންސިއާ ވާދަކޮށް ނިމިގެންދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީސީން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ޓީސީން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ފެށިގެން އެޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. އެހެންނަމަވެސް ވެލެންސިއާ އިން ވަނީ ބޯޅަ ކޮންޓްރޯލްކޮށް ޓީސީގެ ހާފަށް ބާރުބޮޑުކޮށްފައެވެ.
ވެލެންސިއާ އިން މެޗުގައި ރަނގަޅަށް ކުޅެމުންދަނިކޮށް ޓީސީން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖަހަން ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެންމެ ރަނގަޅު އެއް ފުރުސަތު ލިބުނީ ޓީސީގެ ހަސަން ނާއިޒް (ދާދު) އަށެވެ. ވެލެންސިއާ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ދާދު ކުރިޔަށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.
ޓީސީން މެޗުގެ ލީޑު ނެގީ 38 ވަނަ މިނެޓުގައި ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިން ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ޓީސީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޓީސީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ.
ޓީސީން މެޗުގެ ލީޑު ފުޅާކުރީ 58 ވަނަ މިނެޓުގައި ދާދު ކާމިޔާބުކޮށްދިން ހިތްގައުމު ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ވެލެންސިއާގެ ޕެނެލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލު މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ޓީސީން މެޗުގައި ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 67 ވަނަ މިނެޓުގައި ކެޕްޓަން އަލީ ނާފިއު (ކަޅޭ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ތެރޭގައި މުޅިން ހުހަށް އޮވެ ކުރިޔަށް ފޮނުވާލައިގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަސަން ނާއިޒް (ދާދު) އެވެ.