Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 04:07
ދިވެހި ދިދަ - ދިދަ ބޭނުންކުރުމުގެ އުސޫލަށް އަމަލުކުރަން ނުޖެހޭނެކަމަށް ޤާނޫނީ ވަކީލުން ވިދާޅުވޭ
ދިވެހި ދިދަ - ދިދަ ބޭނުންކުރުމުގެ އުސޫލަށް އަމަލުކުރަން ނުޖެހޭނެކަމަށް ޤާނޫނީ ވަކީލުން ވިދާޅުވޭ
ރާއްޖެއެމްވީ
ދިދަ ބޭނުންކުރުމުގެ އުސޫލު
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
އުސޫލަކީ ޤާނޫނީގޮތުން ބާރުލިބޭނެ އެއްޗެއް ނޫން
ޤާނޫނީގޮތުން ބާރު ލިބޭނީ، ޤާނޫނެއްގެ ދަށުން ހަދާ ގަވައިދުތަކަށް އެކަނި
އުސޫލަށް އަމަލުކުރުމަކީ، ޣައިރު ޤާނޫނީ އަމުރަށް ތަބާވުންކަމުގައި ބެލެވިދާނެ

ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުކަމަށް ބުނެ، ހޯމް މިނިސްޓްރީން ގެޖެޓްކުރި ލިޔުމަކީ އުފެދުމުގައިވެސް ބާތިލް އެއްޗެއް ކަމަށާއި، އެ އުސޫލަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުކަމަށް ބުނެ، އުސޫލެއް ހޯމް މިނިސްޓްރީން ވަނީ އުސޫލެއް ގެޖެޓްކޮށް އަމަލުކުރަން ފަށައިފަ އެވެ. ގެޖެޓްކޮށްފައިވާ އެ އުސޫލުގެ ދަށުން ކުރީގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ އޮފީހުގައި ނަގާފައިވާ ދިވެހި ދިދަ ނެގުމަށް ފުލުހުން ވަނީ އަންގާފަ އެވެ. އެ އެންގުމާއެކު ގިނަ ޤާނޫނީ ވަކީލުންނެއް ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

މަޝްއޫރު ޤާނޫނީ ވަކީލް އަދި ރައީސް އަބްދުﷲ ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ މައުމޫނު ހަމީދުކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވާގޮތުން، ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލަކަށް އަމަލުކުރަން ޖެހޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ އުސޫލަށް، އަމަލުކުރާނަމަ، އަމަލު އެކުރެވެނީ ގައިރު ޤާނޫނީ އަމުރަކަށްކަމުގައި މައުމޫނު ހަމީދު ދެކިވަޑައިގަންނަވަ އެވެ. އެގޮތުން މައުމޫނު ހަމީދު ވަނީ ޤާނޫނު އަސާސީގެ 64 ވަނަ މާއްދާ އާއި، 271 ވަނަ މާއްދާ ފާހަގަކުރައްވާފަ އެވެ.

ޤާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބުނެފައިވަނީ، ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއްވެސް މީހަކަށް އަމުރެއްކޮށްގެންނުވާނެ ކަމަށެވެ. އަދި ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ވަނީ ބުނެފަ އެވެ.

ޤާނޫނު އަސާސީގެ 271 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނުނަކުން ބާރުލިގެންހަދާ ގަވައިދަކީ ޤާނޫނު ބާރުލިބިފައިވާ އަދި ޤާނޫނީ ބާރާއެކު ތަންފީޒްކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އެންމެހައި ގަވައިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ގަވައިދުތައް ހެދުމުގެ ބަރު ލިބިގެން ހަދާ ގަވައިދުތަކަކަށްވާންވާނެ ކަމަށެވެ.

އެހެންކަމުން، މައުމޫނު ހަމީދު ދެކިވަޑައިގަންނަވާގޮތުގައި "އުސުލަކީ" ޤާނޫނީ އެއްވެސް ބާރުވެރިކަން އޮތް، އެ މައްޗަށް އަމަލުކުރަންޖެހޭ އެއްޗެއް ނޫނެވެ.

 

 

ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ދެކެވަޑައިގަންނަވަނީވެސް ހަމަ އެފަދަ ގޮތަކަށެވެ. އަލީ ހުސެއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމީ ދިދަ ބޭނުންކުރުމާއި ގުޅޭ އުސޫލަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއްކަމަށެވެ. އަދި ގައުމީ ދިދައާއި ބެހޭ ގާނޫނެއް ނެތި އުސޫލެއް ނުހެދޭނެކަމަށްވެސް މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.

 

 

މައުމޫނު ހަމީދާއި، އަލީ ހުސެއިންގެ ވާހަކަތަކަށް ޤާނޫނީ ވަކީލް ހިސާން ހުސެއިންވެސް ތާއީދުކުރައްވަ އެވެ. ހިސާން އޭނާގެ ޓުވިޓާރގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ކަންކަން ކުރުން މަނާކުރެވޭނީ ޤާނޫނަކުން އެކަނި ކަމަށެވެ. އަދި މިނިސްޓްރީގެ އުސުލަކީ ރައްޔިތުންގެ މައްޗަށް ޤާނޫނީގޮތުން ބާރު ހިނގާނެ އެއްޗެއް ނޫން ކަމަށް ހިސާންވެސް ދެކިވަޑައިގަންނަވަ އެވެ.

 

 

މިމަހުގެ 8 ވަނަ ދުވަހު ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވުމުން މި އުސޫލަކީ ގައުމީ ދިދައަށް ހުރުމަތްތެެރިކޮރައީށް ހިތުމަށްްޓަކައި، ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި، ދިދަ ބަހަންޓަންވީ ގޮތް، އަދި ދިދަ ގެންގުޅުމުގައި ބޭނުންކުރަންވީ ހަމަތަކާއި މިންތައް ބަޔާންކުރާ އުސޫލުކަމަށެވެ.

އާންމުކުރި އުސޫލުގައި ދިވެހި ދިދަ ހުންނަގޮތާއި، ދިދަ ބޭނުންކުރެވޭނެ މިންތަކާއި، ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހަންޓަންޖެހޭ ތަންތަން ވަނީ ބަޔާންކޮށްފައެވެއޭގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ރިޔާސީ ގަނޑުވަރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ހުންނަވާ ރަސްމީގެ، ރައްޔިތުންގެ މަޖިލީސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް، ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު، އަދި ފުލުހުންގެ މައި މަރުކަޒު ހިމެނެއެވެ.

މީގެ އިތުރަށް މި އުސޫލުގައި ވަކި ވަގުތުތަކުގައި ދިދަ ނަގާފައި ހުންނާނެ ތަންތަނާއި، ދިދަ ނެގުމުގައި ހުއްދަ ހޯދުމާއި، އާންމުގޮތެއްގައި ދިދަ ބޭނުންކުރާނެ ގޮތާއި، އެހެން ދިދައަކާއިއެކު ގައުމީ ދިދަ ބޭނުންކުރާނެ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަންވާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް