ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 17:16
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކުގައި ރައީސް ސޯލިހް އަދި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކުގައި ރައީސް ސޯލިހް އަދި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރައީސް އޮފީސް
މަސްވެރިކަމުގެ ޤާނޫނު
މަސްވެރިކަމުގެ ބިލް ތަސްދީޤް ކުރައްވައިފި
ހޯމަ ދުވަހު ތަސްދީޤު ކުރެއްވި ބިލަކީ 5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެއް
ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލަންޖެހޭ
ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ޤާނޫނު ވަނީ އުވިފައި

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ތަސްދީޤު ކުރެއްވި ބިލަކީ 5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި، އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުން ހިމެނެއެވެ. މީގެއިތުރުން ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ޞިނާޢަތް ކުރިއަރުވައި، ތަރައްޤީކޮށް، އެ ޞިނާޢަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް މި ޤާނޫނުގައި ވަނީ ބަޔާން ކޮށްފައެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލަން ޖެހެއެވެ. އަދި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ.

މަސްވެރިންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާގުޅޭ ތަޢުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުން ޤާނުނުގައި ހިމަނާފައިވެއެވެ. އަދި އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ޙިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަން މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ޤާއިމުކުރުންފަދަ އައު ކަންތައްތައް މި ޤާނޫނުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްޤީކުރުމުގެ އުސޫލުތައް ވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގެއިތުރުން ޤާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ޤާނޫނު، ޤާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ވަނީ އުވިގެންގޮސްފަ އެވެ.

- ކޮމެންޓް