ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރައްވުމާއި ގުޅިގެން މިހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވާކަމަކީ ގާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ތޯރިގު ވިދާޅުވީ ގާނޫނުގެ ސަބަބުން މިނިސްޓްރީއަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެން ދާ ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ސަގާފީ ތަރިކައިގެ ގޮތުގައި ހިމެނޭ އެއްޗެއް ފެނިއްޖެނަމަ އެއެޗެއް ދަރަޖަ ކުރުމާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން ސަގާފީ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރަށްރަށުގެ ތާރީހު އެނގޭ ގޮތަށް އެތަނުގައި ގާއިމު ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.
ވަރަށް ބޮޑެތި ބާރުތަކެއް އެބަ ލިބިގެންދޭ ، މި ދެންނެވި ބިލްގެ ނަތީޖާގެ ސަބަބުން . ރާއްޖޭގެ އެއްވެސް ތަނަކުން މި ދެންނެވި ސަގާފީ ތަރިކައިގެ ގޮތުގައި ފާހަގަކުރެވޭ އެއްޗެއް އެއްވެސް ތަނަކުން ފެނިއްޖެ ކަމުގައި ވާނަމަ އެއެއްޗަކަށް ހަދާނެގޮތާއި ދަރަޖަ ކުރުމާއި ރަށްރަށުގެ ފެންވަރިގައާއި އަތޮޅު ފެންވަރުގައި ފާހަގަކުރަންޖެހޭ ތަރިކަތަކެއް ފާހަގަކުރުމާއި ރަށްރަށުގައި މަރުކަޒުތަކާއި ދާރުލް އާސާރުތައް ގާއިމުކުރުން އެ ބިލްގައި ހިމެނޭސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު
ޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ހެރިޓޭޖުން ކުރާ މަސަތްކަތާއި މެދު އާންމުންގެ ފަރާތުން ބައެއް ފަހަރު މަލާމާތް ރައްދުވާކަމަށާއި ސަގާފީ ތަރިކަ ރައްކާތެރިކުރަން ބޭނުންވާ ކަމުގައިވާނަމަ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި މިކަންކަމަށް ލޯބި ހުރި ބަޔަކު ތިބެން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ރައްކާ ކުރެވިފައި ހުރި ކަންތައްތަކަކީ މުޖްތަމައުގައި އެކަމާމެދު ޝައުގުވެރިކަން ހުރި ވަރަކުން ރައްކާއު ކުރެވިފައިވާ ކަންތައްކަން ތޯރިގު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންނަށްވެސް މީހުން މަލާމާތްކުރަނީ އަސްލު ކަތުރު ފަނި އަޅަފައި އިންނަ ލަކުޑިކޮޅެއް ކޮއްޓަން ތިބޭތީ ، ބާވެ ހަލާކުވެ ކުދި ކުދި ވެފައި އޮތް ކަރުދާސްކޮޅެއް ހިއްޕަން އުޅޭތީ . ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި މިކަންކަމުގެ ޝައުގުވެރިކަންހުރި ލޯބި ހުރި ބަޔަކު ނެތި އަޅުގަނޑަކަށް ނުފެނޭ މިކަންތައް ރަނގަޅުކުރެވިގެން ދާނެތަނެއް .ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު
ތޯރިގު ވިދާޅުވީ ސަރުކާރުގެ ތެރެއިން ސަގާފީ ތަރިކަ ހިމާޔަތް ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށާއި އެކަމުގެ ހެއްކަކަށް ކަނޑައެޅިގެން މިތަންތަން ރައްކާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވުޒާރާއެއް އުފެއްދެވުން ފުދޭނެ ކަމަށެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރަން އަހައްމިއްޔަތުކަން ދޭވަރު ކުރިޔަށް ވުރެން ބޮޑުތަން ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ތޯރިގު ވިދާޅުވީ ރައީސް ސޯލިހަކީ ރާއްޖޭގައި ތަރިކަ ހިމާޔަތްކުރުމާއި ރައްކައުކުރުމުގެ ލޯބި ހިިތުގައި އޮތް ބޭފުޅެއް ކަމަށެވެ.