Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 01:57
އެމްޔޫއޯގެ ފަރާތުން ސްރީލަންކާގައި ބޭއްވި ނިއުސް ކޮންފަރެންސް
އެމްޔޫއޯގެ ފަރާތުން ސްރީލަންކާގައި ބޭއްވި ނިއުސް ކޮންފަރެންސް
ރާއްޖެއެމްވީ
ފ.އަތޮޅު މަޝްރޫއު
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
ރާއްޖޭގެ ބިންތައް ވިއްކުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން ކަންކަން ކުރަމުން ގެންދޭ: މަލީހް
ފ. އަތޮޅު ވިއްކާލުމަށް އެއްވެސް ދިވެއްސަކު ގަބޫލުނުވާނެ: ނަސީމް

ފ. އަތޮޅު ވިއްކާލުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން ނުވަތަ ރައީސް އަބްދުﷲ ޔާމީނާއި ދިވެހި ސަރުކާރުން ދޮގު ހަދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ ކޮޅުނބުގައި ހުކުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް މިހެން ވިދާޅުވީ ސައުދީ ސަރުކާރުން ފ. އަތޮޅު ގަންނަން ނޫޅޭ ކަމަށާއި އަދި އިންވެސްޓްކުރަން ވެސް ނޫޅޭ ކަމަށް ބުނެ ސައުދީން ނެރެފައިވާ ބަޔާނާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ފ. އަތޮޅު ވިއްކާލުމާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ. ރާއްޖެ އަށް އިންވެސްޓްމަންޓެއް އައުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް ނާޅާ ކަމަށާއި ނަމަވެސް އެއްވެސް މައުލޫމާތެއް ހާމަނުކޮށް ރައްޔިތުންނަށް ސާފުނުވާ ގޮތަށް ރައީސް ޔާމީނާއި ސަރުކާރުގެ އޮފިޝަލުން ވާހަކަ ދައްކަވާ ނަމަ އެކަމާ އިދިކޮޅު ފަރާތްތަކުން ސުވާލު ކުރާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ސައުދީ ސަރުކާރުން ފ. އަތޮޅުގައި ބިޔަ ބޮޑު އިންވެސްޓްމަންޓެއް ކުރަން އުޅޭ ކަމަށް ރައީސް އާއި ދިވެހި ސަރުކާރުގެ އޮފިޝަލުން ވިދާޅުވަމުން ގެންދާއިރު ސައުދީ ސަރުކާރުން އެކަން ދޮގުކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ފ. އަތޮޅުގެ ވާހަކަ ދައްކާ ކޮންމެ ފަރާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދާ ކަމަށެވެ. ކޮޅުނބުގައި އެކަމާ ބެހޭ ގޮތުން ނޫސް ކޮންފަރެންސެއް ބާއްވަން ޖެހުނީ ވެސް އަމިއްލަ ފަސްގަނޑުގައި އެ ވާހަކަ މިނިވަންކަމާ އެކު ދެއްކޭނެ ފުރުސަތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރެސްގައި ބައިވެރިވަޑައިގެންނެވި ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަދި މިހާރު އެމްޔޫއޯގެ މެންބަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރާއްޖޭގެ ބިންތައް ވިއްކުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން ކަންކަން ކުރަމުން ގެންދާ ކަމަށެވެ. ފ. އަތޮޅުގެ މަޝްރޫއާ ބެހޭ ގޮތުން ސަރުކާރުން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދެތީ މަލީހް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ފ. އަތޮޅު ވިއްކާލުމަށް އެއްވެސް ދިވެއްސަކު ގަބޫލުނުވާނެ ކަމަށެވެ. މިފަދަ އިންވެސްޓްމަންޓްކަކީ މުސްތަގުބަލަށް ނުރައްކާތެރި ކަމެއް ކަމަށާއި މިކަމުގެ ފަހަތުގައި ނުބައި މަގުސަދެއް ވާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 11:03
ހ މ ޒ
ފ އަތޮޅެއް ނުވިއްކަާ. ޙޭދެބައިނުވޭ.