ގަދަބާރު ބޭނުން ކޮށްގެން މީހަކަށް އަނިޔާކުރި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ހަތް ފުލުހުންގެ ޑިމޯޓްކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޖުލައި މަހުގެ ފަސްވަނަ ދުވަހު މ. އުޖާލާގެ އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގަދަބާރު ބޭނުން ކޮށްގެން ޑީއީޑީ ފުލުހުން މީހަކަށް އަނިޔާކުރި ވީޑިއޯ އެއް އާއްމުވުމާއި ގުޅިގެން އެކަމުގައި ހިމެނޭ ފުލުހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
ފުލުހުން ބުނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެކަން ތަހުގީގު ކުރުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން، ބޯޑުން ވަނީ ތުހުމަތު ކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް ވަޒީފާ އަދާކުރާ ޑީޕާޓްމަންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށް ނިންމާފައިވާ ކަމަށެވެ.
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކުގެ އަދަބު ކަނޑައަޅާ ގަވާއިދުގައިވާ ގޮތުން ކޮމިޝަނަރ އޮފް ފޮލިސް އަށް ވެސް ލިބިގެންދާ ބާރުގެ ދަށުން 11 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސީޕީ މުހައްމަދު ހަމީދު ވަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމި ނިންމުން އިތުރަށް ބަލައި މުރާޖާ ކުރަން ފޮނުވާފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެހެން ކަމުން އެ މައްސަލަ އޮތީ މިހާރު ފުލުހުންގެ އިސްތިއުނާފް ކޮމިޓީގައި ކަަމަށެވެ.