ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުވުމުގެ ގޮތުން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޑިމޮކްރަސީ ނެގެހެއްޓުމަށްޓަކައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށްޓަކައި އެ ޕާޓީން އޮތީ ތައްޔާރަށް ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއް ކަމަށާއި ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރު ފެށުމުގެ ގޮތުގައި ފާހަގަ ކުރެވެނީ 2004 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަސް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާނުކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގު ކޮށައިދިން ދުވަސް ކަމަށާއި އެ އެޖެންޑާ އިން މަގުފަހި ކޮށްދިން އެންމެ މުހިއްމު އެއް ކަމަކީ ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާއިމެދު އާންމުންގެ މެދުގައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރަން މަގުޗާޓު އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެންނަން ފެށުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 7 އޮގަސްޓް 2008 ވަނަ ދުވަހު ކަމަށާއި ފެހި ގާނޫނު ތަސްދީގު ކުރުމާއެކު އެ ގާނޫނު އަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންގޮސްފައިވާކަމަށް އެމްއާރްއެމް އިން ބުނެފައިވެއެވެ.
ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކައް ލޯބިކުރާ ބައެއްކަން ހަމަވެގެންދިޔައީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ކަމަށާއި އެ އިންތިހާބުގައި ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވޯޓުލުމުގެ ހައްގު ބޭނުންކޮށްގެން އަނިޔާވެރި ވެރިކަމަކަށް ނިމުންގެނެސްދީފައިކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިއާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި ނިންމުމެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލުމުގެ ހައްގެއް ނޫން ކަމަށާއި ފުރިހަމަ ޑިމޮކްރަސީއަކަށް އޭގެ ހަމަތަށް ނަގަހައްޓާ ދަމަހައްޓާނެ ލީޑަރުން ބޭނުންވާކަމަށެވެ.