Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 19:36
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި އުރިދޫގެ އެމްޑީ ނަޖީބް ހާން
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި އުރިދޫގެ އެމްޑީ ނަޖީބް ހާން
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
އުރީދޫ އިން މަސްދޯނި ފަހަރުތަކަށް 700 ވެސަލް ލޮކޭޓިން ޑިވައިސް ދޫކުރަނީ
700 ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމަށް ހަމަޖެހިފައިވޭ
އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމަށް ހަމަޖެހިފައިވޭ
ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާ

މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ގާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީން އުރީދޫ މޯލްޑިވްސްއާއި އެކު ސޮއިކޮށްފިއެވެ. ހޮނިހިރު ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޒަހާ ވަހީދުއެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާންއެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ އެޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގް ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދީނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ފިޝަރީޒް މިނިސްޓްރީން ބުނީ، އުޅަނދު ފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިންގް ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތައާރަފްކުރެވޭ ވަސީލަތްތައް ކަމަށާއި، ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ ފަސް މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެއެވެ. އެކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ޑިވައިސް އަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެއް ކަމަށެވެ.

އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ބެހޭ މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އެންގުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާއެވެ. އެޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތްސަރަހައްދުގެ މަޢުލޫމާތު ސެޓަލައިޓް މެދުވެރިކޮށް މޮނިޓަރިންގް ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް