Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 01:54
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
މިހާރު
ރައީސް މައުމޫން ފެކްޝަން
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އޮފީހުގައި ހުރި ގައުމީ ދިދަ ތިރިކުރަން ފުލުހުން އަންގާފައިވަނިކޮށް

ދިވެހި ގައުމީ ދިދައަކީ ދިވެހި ވަންތަ ކަމުގެ ފަހުރުވެރި ރަމްޒު ކަމަށްވާ އިރު އިހްތިރާމާ އެކު ގައުމީ ދިދަ ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށްވެސް ލިބިގެންވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް، ހުކުރު ދުވަހުގެ ރޭ ކުރައްވާފައިވާ ޓްވީޓްގައި ވަނީ، ދިވެހި ގައުމީ ދިދައަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ ހ. ތެމާގައި ހިންގަމުންދާ، ރައީސް މައުމޫން އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް ވިދާޅުވީ، ހޯމް މިނިސްޓްރީން ނެރެފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުޞޫލާ ހަވަލާދީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިދަ، އެގޮތަށް ނުނެގޭނެ ކަމަށް، ބުރާސްފަތި ދުވަހުގެރޭ އޭނާއަށް ގުޅައި، ފުލުހުން އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވީ، ޕާޓީގެ އޮފީހަކަށް ނުވާތީ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް ވެސް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެ ދިދަ ތިރިކުރުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވައިދިނުމަށް ފުލުހުން އެދުމުން، ރައީސް މައުމޫން މިވަގުތު ރާއްޖޭގައި ނެތުމާއި، ފުލުހުން އޮފީސް ހުޅުވައިދިނުމަށް އެދުނީ ރަސްމީ ގަޑީގައި ނޫންކަމުން، އޮފީސް ހުޅުވައި ނުދެވޭނެކަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

ހޯމް އެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުސޫލުގައި ވަނީ ގައުމީދިދައިގެ ޝަރަފާއި އިއްޒަތް ހިފެހެއްޓޭ ފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ބަހައްޓަންވީ ގޮތާއި، އަދި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅާފައެވެ.

އެ އުސޫލުގައި ގައުމީ ދިދައިގެ ކުލަތަކާއި ސިފަ އަދި ދިދައިގެ މިންތައް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް