ކްލަބް އީގަލްސްއާ އެއްވަރުވެ، ކުޅުނު ތިން މެޗުން ވިކްޓްރީ އަށް ޕޮއިންޓެއް ލިބިއްޖެ އެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ގަދަ ހޫނުގައި ކުޅުނު މި މެޗުގެ ދެ ގޯލްވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު، އީގަލްސްއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ.
ރިހާމް އަބްދުލް ޣަނީ (ބޮބީ) ވިކްޓްރީގެ ނިޔާޒް ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަށް ހަސަން ރާއިފް (ހަންނަ) އެރިނަމަވެސް އޭނާ ފައިގައި ބޯޅަ ލައްވާނުލައި ދިޔައިރު ދެން އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ސަމީހު މޫސާ އެވެ.
އީގަލްސްގެ ގޯލަށް ފަހު ވިކްޓަރީން ކުޅުން ރަނގަޅު ކުރި އެވެ. އެގޮތުން ފުލު ފުލުގައި ދެ ހަމަލާއެއް އެޓީމުން އީގަލްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި އިރު، މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ) ވަނީ ހިތްގައިމު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އީގަލްސްގެ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ އެޓީމުގެ ޑިފެންޑަރެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔައީ ގޯލްގެ މަތީ ކަނަށެވެ.
މި ލަނޑަށް ފަހު ވިކްޓަރީން ވަނީ އީގަލްސްގެ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ސަޕްލައި ކޮށްފަ އެވެ. އެގޮތުން މުސްތަފާ ސާދިގު (ސެޑިކް) އަށް ލިބުނު ފުރުސަތުގެ އިތުރުން މުޖުތަބާ ބީޓް ކުރުމަށްފަހު ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ދެވަނަ ހާފް ވެސް އީގަލްސް އިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ވިކްޓްރީގެ އޭރިއާ ތެރެއަށް ނުރައްކާކޮށް އުފެއްދި ދެ ހަމަލާވެސް ވިކްޓަރީގެ ކީޕަރު މަހުމޫދު އަލް ޔޫސުފްވަނީ ދިފާއުކޮށްފަ އެވެ.
މި ހާފުގައި ވިކްޓްރީން އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިސްވާން އެވެ. އެގޮތުން 58 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު ސޭވްކުރި އިރު، އެޓީމުގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ކަނަށް އަމާޒުވި ނަމަވެސް، ވިކްޓްރީގެ ކީޕަރު މަހުމޫދު ވަނީ ހުޝިޔާރު ކަމާއެއެކު މި ހަމަލާވެސް ދިފާއުކޮށްފަ އެވެ.