Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 23:21
ކޮލަމްބޯގައި، ފުއާދު ތައުފީގާއި، ނިޔާޒް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ކޮލަމްބޯގައި، ފުއާދު ތައުފީގާއި، ނިޔާޒް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ރާއްޖެ އެމްވީ
ފުއާދު މިނިވަންވުން
ފުއާދު ތައުފީޤް މިނިވަންވެއްޖެ
ފުވާދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވީ، މާރިޗު މަހުގެ 9 ވަނަ ދުވަހަށް
ފުވާދުގެ މައްޗަށް އިއްވީ 6 މަސް ދުވަހުގެ ޖަލު ހުކުމެއް، ނަމަވެސް ހުކުމް ތަންފީޒްކުރުން 3 އަހަރަށް ފަސްކުރި
ހުކުމުގެ މުއްދަތު ހަމަކުރެއްވީ ޖަލަށް ވަޑައިނުގެން

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ފުއާދު ތައުފީގުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވެ މިނިވަން ވެއްޖެއެވެ.

ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ނުވަތަ އެ ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައެއްގައި ފުއާދުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އެވެ. ފުއާދުގެ މައްޗަށް އިއްވާފައިވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީ އެވެ.

ފުއާދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވީ، މާރިޗު މަހުގެ 9 ވަނަ ދުވަހަށް (އިއްޔެއަށް) އެވެ. މުއްދަތު ހަމަވުމާއެކު، ފުއާދަކީ މިހާރު މިނިވަނެކެވެ.

ފުއާދު މިނިވަންވެ ވަޑައިގަތީ އެންމެ ދުވަހަކަށްވެސް ޖަލުގައި ހުންނަވަން ޖެހިވަޑައި ނުގަނެއެވެ.

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.

މި ތުހުމަތު ތަކަށް ފުވާދުވަނީ އިންކާރު ކުރައްވާފައެވެ.

ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފެބުރުއަރީ މަހު ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފުއާދު ވިދާޅުވީ، އިންތިހާބަށާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވުމަށް ބާރުގައި ތިއްބެވި މަޖިލިސް މެންބަރުންނާއި ނުފޫޒު ގަދަ ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން މަގާމު ގެއްލުވާލާނެ ކަމުގެ އިންޒާރާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ބިރު އޮތް، ބިރު ދައްކަމުން ވެސް ދޭ، އަދި ބައެއް ކަހަލަ ނުފޫޒު ގަދަ މަޖިލީހުގެ މެންބަރުން އިންޒާރު ވެސް ދެއްވާ ހައްދަވާ، އެހެން ނަމަވެސް އަޅުގަނޑާއި އެހެން މެންބަރުން ވެސް ބެލީ އެހެން ދައްކާ ބިރަކަށް އިންޒާރަކަށް ބޯނުލަނބާނެ ކަމާއި ގާނޫނާއި ގަވާއިދުގެ ތެރެއިން އިންސާފުވެރިކަމާއެކު އިންތިހާބުގެ ހުރިހާ ކަމެއް ކުރުމަށް، އެކަން ކުރުމުގެ ސަބަބުން ކޮންމެ ނަމެއް ދީފަ ވަޒީފާ އިން ވަކިކުރިއަސް ވަރިހަމަ ކަމުގައި"

 

ގިނަ އާންމު ރައްޔިތުންނާއި، ސިޔާސީ ފަރާތްތަށް ގަބޫލުކުރާގޮތުގައި ފުއާދުއަކީ، މިނިވަންކަމާއެކު ރައްޔިތުންނަށް އިންސާފުވެރި އިންތިހާބެއް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ގައުމަށްޓަކައި ބޮޑު ގުރުބާނެއް ވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއަކަށްވާއިރު، ކޮމިޝަންގެ މިނިވަންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބެފުޅެކެވެ.

ފުވާދުގެ މައްޗަށް އިއްވި ހުކުމާއެކު އެތައް ބައެއްގެ އިހްތިރާމް ފުވާދަށް ލިބިވަޑައިގެންނެވިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް