Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 21:55
އަބުރު ފަންޑު ހުޅުމުގެ ރަސްމިއްޔާތު
އަބުރު ފަންޑު ހުޅުމުގެ ރަސްމިއްޔާތު
މުހައްމަދު ޝަރުހާން
ރާއްޖެޓީވީގެ އަބުރު ފަންޑު
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
އަބުރު ފަންޑު ފޮށި ބަހައްޓާފައިވަނީ ރާއްޖެޓީވީގައި
ރާއްޖެޓީވީ ދެ ލައްކަ ރުފިޔާ އިން މިދިއަ ހަފްތާގައި ވަނީ ޖޫރިމަނާކޮށްފަ
ރާއްޖެޓީވީގެ ނޫސްވެރިންވެސް އެކި މައްސަލަތަކުގައި ވަނީ ޖޫރިމަނާކޮށްފަ

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި "އަބުރު ފަންޑު"ގެ ނަމުގައި ފަންޑެއް ހުޅުވައިފި އެވެ.

ހުކުރު ދުވަހު މެންދުރު ފަހު ރާއްޖެޓީވީގައި ބެހެއްޓި މި ފަންޑު ހުޅުވުމާ އެކުހެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފަންޑަށް ފައިސާ ހަދިޔާކުރަމުންނެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ބެހެއްޓުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން އަންގާރަ ދުވަހު ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު ވެސް ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކުރަނީ

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ރާއްޖެޓީވީ ޖޫރިމަނާކޮށް، އަދި ނޫސްވެރިންނަށް އަދަބުދެމުން ދަނީ ރާއްޖެޓީވީ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވޭ މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގައި އޮތް މި ސްޓޭޝަންގެ އެހެން މައްސަލައިގައި 800،000ރ. އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްލާނެކަން. މިދަނީ ސީދާ ރާއްޖެޓީވީ ބަންދުކުރުމާ ދިމާއަށް،" ފިޔާޒު ވިދާޅުވިއެވެ.

ނުހައްގުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ، ބިރު ދައްކައިގެން އަދަބު ދީގެން ވެސް ރާއްޖެޓީވީގެ ނޫސްވެރިންގެ ހިތްވަރު ބަލި ނުކުރެވޭނެކަން އެނގޭތީ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ

"މި ކަމުގައި އަޅުގަނޑުމެންގެ ލޮބުވެތި ބެލުންތެރިންނާއި ސަޕޯޓަރުންގެ އެހީތެރިކަމަށް ނިހާޔަތަށް އެދެން،" ފިޔާޒު ވިދާޅުވި އެވެ. އަދި މި ފަންޑަށް އާއްމުންގެ އެހީތެރިކަން ލިބޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެންޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް