އައްޑޫސިޓީގައި ހަރުކަށި ވިސްނުން ފެތުރެމުންދާތީ އެ ސިޓީގެ ކައުންސިލުން، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާ ބައްދަލުކުރައްވައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ޑިފެންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޑިފެންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އައްޑޫ ސިޓީގެ ކައުންސިލަރުން ބައްދަލުކޮށްފައިވާ ކަމަށާއި އައްޑޫ ސިޓީގައި ހަރުކަށި ވިސްނުން ފެތުރޭތީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫގައި ކާރިސާތައް ދިމާވުމުން ހުންނަ ގޮންޖެހުންތަކާއި، އެ ސިޓީއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ދަތުރު ކުރައްވާނެ ރަސްމީ އުޅަނދެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މިނިސްޓަރު މާރިޔާއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭތީ އެކަން ސަމާލުކަމަށް ގެނައި އައްޑޫގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަމަށް އަބަދު ވެސް ވާހަކަ ދެކެވެމުންދާތީ ކަމަށެވެ. އަދި އެފަދަ މީހުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދިވެހިން ފޮނުވަމުންދާ ކަމުގެ ވާހަކަ ދެކެވޭތީ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ސެޕްޓެމްބަރު 1 ގައި ނެރުނު ތަހުގީގީ ރިޕޯޓުން އަހްމަދު ރިލްވާން މައްސަލައިގައި ޝާމިލް ވާ ހަރުކަށި ފުކުރު ގެންގުޅޭ ބައެއް މީޙުން އައްޑޫސިޓީގައި ވިޔަފާރިކޮށްފައިވާ ކަމަށާއި ރިލްވާން ރަހުކުމުކުޑަކޮށް މަރާލުމުގައި އައްޑޫގައި ހުރި މީހަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނުގެ އެދުމަކަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި މާލޭސިޓީގެ އެތައް ސަރަހައްދެއް ފުލުހުން ބަލައި ފާސްކުރިއިރު އައްޑޫސިޓީގެ 2 ތަނެއް ވެސް ބަލައި ފާސްކޮށްފައިވެއެވެ.