މާލޭ ހުކުރު މިސްކިތުގެ މަރާމާތައް ވަގުތީ ގޮތުން މިސްކިތް ބަންދުކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީއިން ބުނީ މާލޭ ހުކުރު މިސްކިތުގެ މެދު މިސްކިތުގައި ކުރަންޖެހޭ ކުއްލި މަސައްކަތްތަކެއް ކުރުމަށް ވަގުތީ ގޮތުން މިސްކިތް ބަންދުކުރުމަށް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފައިވާ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީއިން އިތުރަށް ބުނީ ހުކުރު ނަމާދު ވަގުތާއި މިހާ ގާތްވެފައި ވަނިކޮށް މިސްކިތް ބަންދުކުރަން ނިންމީ މި ކަމަކީ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ.
ހުކުރު މިސްކިތުގައި ހުންނަ ޖަހާ ހަނގު ބޭކަލުންގެ ކޮޓަރިކޮޅު މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އާސާރީ ތަރިކައެއްގެ ގޮތުގައި ހުކުރު މިސްކިތް ރައްކާތެރިކުރުމުގެ ގޮތުން، ހެރިޓޭޖް މިނިސްޓްރީން އަންނަނީ އިންޑިއާގެ ހިލޭ އެހީގައި އެ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އެ މަސައްކަތް ކުރުމަށްޓަކައި އިންޑިއާގެ އެޑްވާންސް ޓީމް މިހާރު ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އައިސްފައެވެ. މި މަހުގެ 15 ދުވަސް ވަންދެން ރާއްޖޭގައި އެ ޓީމު ހަރަކާތްތެރިވާނެއެވެ.