ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ނާމާންކަމުގެ ރަނގަބީލު ޖަހަމުން އަންނަ އިސްލާހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިން ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ''ދަވާލައިފި'' ޖަލްސާގައި ރައީސް ޔާމީން ވަނީ ޓެރަރިޒަމް ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ފަތުރުވެރިން ދިވެހިރާއްޖެއާ މެދު ދެކޭނެ ގޮތާއި މެދު ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ރާއްޖެއަށް ޓޫރިސްޓު ގެނެވޭތޯ މަސައްކަތް ކުރަމުންދާއިރު އެފަދަ ކަމެއް ކުރުމަކީ ކޮންފަދަ ކަމެއްތޯ ކަމަށް ވިދާޅުވެ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
މަރު ކޮމިޝަންގެ ބޭނުމަށް ފުލުހުންގެ ހިންގި އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ، ފެނިގެން ދިޔައީ ފިތްކަނޑައިގެންދާ މަންޒަރުތައް ކަމަށާއި، ދިވެހި ރައްޔިތުންނަކީ ހަތިޔާރު އެއްޗެހި ގެންގުޅޭ ބައެެއް ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެފަދަ ކަންކަން ދެކެން ބޭނުންފުޅުނުވާ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި ސިފައިންގެ މީހަކު މަގެއް މައްޗަށް ނިކުންނަ އިރަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އަސްކަރިއްޔާ ނިކުމެގެން އުޅޭ ކަމަށް ބުނެ ދުނިޔޭގެ މީޑިއާ ތަކުގައި އަޑު ފަތުރާފައިވާ ކަމަށެވެ. އެފަދަ ބަޔަކު ރާއްޖޭގައި ތިބެން ބޭނުންނުވާ ނަމަ ގައުމު ދޫކޮށްދިޔުން މާ ބުއްދިވެރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއިކީ އެންމެ ރަނގަޅު ވަގުތެއް ނޫން. އެންމެ އަމާންކަމާއި އެކީ އަންނަ އިސްލާހެއް ނޫން. ޓެރެރިޒަމް ގާނޫނަށް ގެންނަވަން އެ ވިސްނާ އިސްލާހަކީ އެއީ ހަމަ ނާމަންކަން. ނާމާން ކަމުގެ ބިރުވެރި ރަނގަބީލު ޖަހަމުން އަންނަ އިސްލާހެއް.އަބްދުﷲ ޔާމީން - ކުރީގެ ރައީސް
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުންވެފައިވާ ވައުދުތައް ހުރީ ފުނިޖެހިފައި ކަމަށާއި، މުޅި ރާއްޖޭގައި ހިންގަން ހުރި މަޝްރޫއުތައް ވަނީ ފުނިޖެހި، ނުފެށި ކަމަށެވެ. ތަރައްގީގެ އެތައް މަރުހަލާތަކެއް ފަހަތަށް ޖެހެމުންދާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދުގެ ރާއްޖޭގެ ހާލަތާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.