އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައި، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އޯއެފްއޭސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅާފައިވަނީ ދިވެހި ފިރިހެނެއް ކަމުގައިވާ މުހައްމަދު އަމީން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ އަމީންއަކީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިސިސް) ގެ ޚޮރަސަންގައި މިފަދަ ހަރުކަށި އަމަލުތަކަށް ހަރަދުކުރާ، އެފަދަ ކަންކަން ކުރުމަށް ސްޕޮންސަރ ކުރާ މީހެއް ކަމަށެވެ.
އަމީންއަކީ އައިސިސްއަށް މީހުން ރެކްރޫޓްކުރާ މީހެއް ކަމަށާއި އޭނާ ރާއްޖޭގެ މީހެއްގެ ގާތުގައި އެ ޖަމާއަތަށް ޖިހާދު ކުރުމަށް އަފްގާނިސްތާނަށްދާނެ މީހުން ބޭނުންވާކަމަށް ބުނެފައިވާކަމަށް އެބަޔާނުގައިވެއެވެ. އެމީހާގެ ވަޒީފާއެއް ކަމުގައި ވާނީ އަމީންއަށް ތަރުޖަމާނުކަން ކޮށްދިނުން ކަމަށާއި އެކަމުގެ އުޖޫރައެއްގެ ގޮތުން 700 ޑޮލަރު ލިބޭނެ ކަމަށް އެމީހާގެ ގާތުގައި އަމީން ބުނެފައިވާކަމަށް ވެއެވެ.
އަމީންއަކީ އެޕްރިލް މަހުން ފެށިގެން އައިސިސްއަށް މީހުން ރެކްރޫޓް ކުރަމުން އައި މީހެއްކަމަށްވާއިރު، އޭނާގެ ދަށުން މަސައްކަތް ކުރާ މީހުންނާއި ގުޅިގެން މާލެ ސިޓީގެ ސަރަހައްދުތަކުގައި މިކަމާއި ގުޅޭ ސެޝަންތައް ބާއްވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ހަފްތާއަކު 10 ސެޝަން ބާއްވާކަމަށްވެއެވެ. މި ސެޝަންތައް އޭނާގެ ގޭގައިވެސް ބާއްވަމުންދިޔަ ކަމުގައިވެއެވެ.
އޭނާއަކީ ސީރިއާއަށާއި އަފްގާނިސްތާނަށް، ޖިހާދުކުރުމުގެ ނަމުގައި ރާއްޖެއިން މީހުން ރެކްރޫޓްކުރުމުގައި އައިސިސްގައި އިސްކޮށް ހަރަކާތްތެރިވަމުން އައި މީހެކެވެ. ކުރިން އޭނާ މީހުން ގެންދަމުން ދިޔައީ ސީދާ ސީރިއާއަށް ނަމަވެސް ފަހުން އޭނާ މީހުން ގެންދަމުންދިޔައީ އަފްގާނިސްތާނަށެވެ.
އަމީން ވަނީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެފައެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު އޭނާ ހުންނަނީ ދޫކޮށްލައިފައެވެ. މިހާރު ވެސް އޭނާ މާލެ ތެރޭގައި ހަރަކާތްތެރިވަމުންދެއެވެ.