އެމްޑީޕީގެ މަގާމުތަކަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގައި ތިބޭ ފަރާތްތައް ކަމަށް ކަޑައެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅި ގަރާރު އިސްލާހުތަކަކާއި އެކު ބަލައިގަނެ ދިރާސާ ކުރަން ފަސް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވަން ނިންމައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 167 ޖަލްސާގައި އެ ގަރާރު ހުށައެޅީ އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަހުމަދު އަދުހަމްއެވެ. އަދި އެއަށް ތާއިދު ކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ ރައީސް އިބްރާހިމް މުހައްމަދު މަނިކެވެ.
އެ ގަރާރު ހުށައަޅަމުން އަދުހަމް ވިދާޅުވީ، ޕާޓީގެ އެތެރޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކުގައި ވާދަކުރެވޭނެ ހަރުދަނާ އުސޫލެއް ގާއިމްކުރުން މުހިއްމު ކަަމަކަށްވާއިރު އެފަދަ އިންތިހާބުތައް ބޭއްވޭ ކޮންމެ ފަހަރަކު ދިމާވާ ކަންތައްތަކުގެ ސަބަބުން ޕާޓީގެ ކުރިމަގަށް ބޮޑު ގެއްލުމެއް އެކި ދާއިރާތަކަށް ގައުމީ މަޖިލީހަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިންތިހާބުތަކުގައި ޕާޓީގެ ނަމުގައި ވާދަކުރާ ފަރާތްތަކަކީ ޕާޓީގެ މެމްބަރޝިޕް ލިބިފައިވާތާ އެއް އަހަރުވެފައިވާ ބައެއްކަން ގައުމީ މަޖިލީހުން އިގުރާރުވުމަށް އޭނާ ހުށައެޅުއްވި ގަރާރުގައިވެއެވެ. އެ ގަރާރަށް ދެ އިސްލާހެއް ވަނީ ހުށައަޅުއްވާފައެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައެޅުއްވި އިސްލާހުގައިވަނީ، ގަރާރު އިތުރަށް ދިރާސާ ކުރުމަށްޓަކައި ކޮމިޓީއަކަށް ފޮނުވުމަށެވެ.
އެ އިސްލާހަށް ތާއިދު ކޮށްފައިވަނީ އެމްޑީޕީ ބިލެއްދޫ ދާއިރާގެ ރައީސް އަހުމަދު ހަމްޒާ އެވެ. އެ އިސްލާހަށް ފާސްކޮށްފައިވަނީ 26 މެމްބަރުން ވޯޓުންނެވެ.
ދެވަނަ އިސްލާހު ހުށައެޅުއްވީ ހަމްޒާއެެވެ. އޭނާ ހުށައެެޅުއްވީ އެ ގަރާރު ފާސްކުރުމަށް ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލައިވައިލުމަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ހަމްޒާ ހުށައަޅުއްވާފައިވަނީ، މެދު ޕްރޮވިންސްގެ ރައީސް މުހައްމަދު ޝިހާބު، އަދުހަމް، ވިލިމާލެ ދާއިރާގެ ރައީސް މަނިކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރް އަބްދުއް ރަހުމާންއެވެ. އެ އިސްލާހު ފާސްވެފައިވަނީ 28 މެމްބަރުންގެ ވޯޓުުންނެވެ.