އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
އޭސީސީގެ މެމްބަރުންގެ ދައުރު ހަމަވާއިރު، އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދަކީ އެ ކޮމިޝަންގައި ދެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި މެމްބަރު އެވެ. މުއައްވިޒް އޭސީސީއާ ގުޅިވަޑައިގެންފައިވަނީ 9 ސެޕްޓެމްބަރ 2009 ގަ އެވެ.
ދެން ތިއްބެވި މެމްބަރުން ފުރިހަމަ ކުރައްވާފައިވަނީ އެންމެ ދައުރެކެވެ.
އޭސީސީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ހަސަން ލުތުފީއާއި މުއައްވިޒު އެކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރައްވާފައިވަނީ އެއްކޮށެވެ. ނަމަވެސް ލުތުފީ ވަނީ އޭނާއަށް ކުރެވުނު ތުހުމަތާއިއެކު ޖުލައި މަހުގެ 3 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ. އޭސީސީގެ ރައީސަކަށް މުއައްވިޒު އިންތިޚާބު ކުރީ ލުތުފީ އިސްތިއުފާ ދެއްވުމުން ޖުލައި 4 ގައެވެ.
އޭސީސީގެ ދައުރު ހަމަވާ މެމްބަރުންނަކީ މުއައްވިޒުގެ އިތުރުން އެކޮމިޝަންގެ ނައިބު ރައީސް އައިމިނަތު މިންނާ އާއި މެމްބަރު ޞަފްވަތު މުޙައްމަދާއި، ޔަޒްމީދު މުޙައްމަދެވެ. އޭގެތެރެއިން މިންނާއާއި ސަފްވަތު އަދި ޔަޒްމީދަކީ އެ ކޮމިޝަންގައި އެއް ދައުރު ފުރިހަމަ ކުރެއްވި މެމްބަރުންނެވެ.
އޭސީސީގެ އާ މެމްބަރުން ހޯމަ ދުވަހު ކޮމިޝަނަށް ނިކުންނަވާނެއެވެ.
މެމްބަރުކަމަށް އައްޔަންކުރުމަށް ރުހުންދިން ފަސް ބޭފުޅުންނަކީ:
1. އިބްރާހިމް ޝަކީލް
2. ފާތިމަތު އަނޫލާ
3. މަރިޔަމް ޝިއުނާ
4. އަލީ އަޝްރަފް
5. އައިޝަތު އަބްދުﷲ
އޭސީސީގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކޮމިޝަނުން މި އަހަރުގެ މިހާތަނަށް 547 މައްސަލައެއް އެ ކޮމިޝަންގައި ރެޖިސްޓްރީ ކޮށްފައިވާކަމަށެވެ. އެމައްސަލަތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 184 މައްސަލައެއް ބަލަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.