ކުރި އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް އަންހެން ދުޅާކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ކުރި ޓުވީޓާއި މެދު އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.
ޓައިގާ ބުނީ ރާމް ގޯޕާލް އަކީ ވަރަށް ސީނިއާ ޑައިރެކްޓަރެއް ކަމަށާއި އޭނާ ކުރާ އެކަހަލަ ކޮމެންޓަކަށް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ. ޓައިގާ ބުނީ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން އެއްޗެއް ބުނުމާއި ލިޔުމުގެ މިނިވަންކަން ލިބިދީފައި އެބައޮތް ކަމަށެވެ.
ޓައިގާ ބުނީ އޭނާގެ ހުނަރުވެރިކަން ބައެއް މީހުން ބަލައި ނުގަތް ކަމަށް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން ފިރިހެން ވަންތަކަށް ދަސްކުރަން ރާމް ގޯޕާލް ބުނި ބުނުމަށް ޖަވާބުދީ އޭނާ ބުނެފައިވަނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ބައްޕަ ފަދަ މީހަކަށް ނުވެވޭނެ ކަމަށާއި އެއީ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.
ރާމް ގޯޕާލް ވަރުމާ ޓައިގާއަށް މަލާމާތް ކޮށްފައިވަނީ އޭނާގެ ފިލްމެއް ކަމަށްވާ “ބާގީ” އަށް ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރުމަށް ފަހު އެވެ. އެ ފޮޓޯއިން ފެންނަނީ ޓައިގާ މޫދުން އަރައިގެން އަންނަ ތަނެވެ.
ޓައިގާ ޝްރޮފް އަށް މަލާމަތްކޮށް ރާމް ގޯޕާލް ކުރީ އެންމެ ޓުވީޓެއް ނޫނެވެ. ފަސް ޓްވީޓު ކޮށްފައިވެ އެވެ. އެ ޓްވީޓްތަކުގައި ބުނެފައިވަނީ ޓައިގާ ޝްރަފް، އޭނާގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން ފިރިހެން ވަންތަކަން ދަސްކުރަން ޖެހޭ ކަމަށެވެ.
ފޮޓޯގައި ޓައިގާ ހީވަނީ "ބިކިނީ ބޭބީ"އެއްހެން ކަމަށާއި ބްރޫސްލީ އާއި ޖެކީ ޝްރޮފް އެގޮތަށް ފޮޓޯއަށް ނުހުއްޓޭނެ ކަމަށް ބުނެފައިވެ އެވެ. ރާމް ގޯޕާލް ބުނީ ޓައިގާ ޝްރޮފް މޫދުން އަރައިގެން އަންނަ ފޮޓޯ އިން ހީވަނީ އުރްމިލާ މަތޮންދްކަރް އަރައިގެން އަންނަ ހެން ކަމަށެވެ.
ރާމް ގޯޕާލް ވަރުމާ ޓައިގާއަށް މަލާމާތް ކުރި އިރު ޖެކީ އަކީ އޭނާ މިހާރު ޑައިރެކްޓުކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސަރްކާރް 3" ގައި ފެނިގެންދާނެ ތަރިކެވެ. ރާމް ގޯޕާލް އަކީ އާންމުކޮށް ޓްވިޓާގައި މީހުންނަށް މަލާމަތް ކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.