ހއ. ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފަށައިފިއެވެ.
މި ވާރކްޝޮޕް ޝަރަފުވެރިކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ފެށި މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ.
މި ވާރކްޝޮޕްގައި ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ހިޔާލާއި ލަފާ ހޯދާނެއެވެ.
ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ވޯޓަރ ސޮލިއުޝަން ކުންފުނީގެ ކޮންސަލްޓަންޓް ވިދާޅުވީ ތަޖުރިބާއާ ވަސީލަތްތަކުގެ އަލީގައި މިމަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ހޯރަފުއްޓަށް އެކަށީގެންވާ ސްޕެޝަލް ޕްލޭނެއް ތައްޔާރުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ރަށުގެ ޗާޓް ސަރވޭ ކުރުމުގެ މަސައްކަތް ނިމިނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންސަލްޓަންޓް ވިދާޅުވީ ރައްޔިތުންގެ ބިނާކުރަނިވި ހިޔާލާއެކު އެކުލަވާލެވޭ މިމާސްޓަރ ޕްލޭންއާއެކު ހެޔޮ ބަދަލުތައް އަންނާނެ ކަމަށާއި، ރައްޔިތުން ގަބޫލުކުރާ ރައްޔިތުން އެދޭ ހެޔޮ ބަދަލަކަށް ހޯރަފުށި ބައްޓަންވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި ވާރކްޝޮޕްގައި އެކިއެކި ރޮނގުތަކުން ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންގެ އިތުރުން އެރަށަށް ނިސްބަތްވާ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި މިފަދަ ވާރކްޝޮޕް ހޯރަފުށީގައި އޮންނާނެއެވެ.