ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީޙް މުހައްމަދު މަގާމުން ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމް ހަރާބުކޮށް އުސޫލްތަކުގެ ބޭރުން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ހަމައެހެންމެ ދިވެހިރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އަދި ވެރިކަން ހިންގުމުގެ ބާރު ޖަވާބްދާރީކޮށް ޝަރުޢީ ނިޒާމް ހެޔޮގޮތުގައި ހިނގާކަން ކަށްވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އެހެން ކަމުން މަޖިލީހުގެ ރައީސް ކަަމުގެ މަގާމުން މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން މަސީހު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ.