ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިފާއިތުވެދިއަ ތިން އަހަރުގެ ތެރޭގައި އަމަލުތައް ބަހައްޓާފައިވާ ގޮތުން، ރައްޔިތުންގެ ކުރި މައްޗަށް ނިކުވަޑައިގެން ވާހަކަދައްކަވަން ލަދުގަންނަންޖެހޭ ކަމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީކޮށް ފެށުމަށް އެމްޔޫއޯއިން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަން ލަދުގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އެމިނަކުފާނުގެ ވެރިކަމުގައި، ނައިބު ރައީސުން ބޭރުކޮށް، އެތައް ވަޒީރުންނެއް މަގާމުން ވަކިކޮށް އަދި އަމިއްލަ ޕާޓީގެ ސުލްހަ މަސަލަސް ކަން ގާއިމް ނުކުރެވުނު ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ޖެހުމަށް ފަހު، ގެއްލިގެން ދިޔަ ފައިސާ ވެސް ނުހޯއްދަވާ ކަމަށެވެ. އެއީ ވެސް ލަދުވެތިވާންޖެހޭ ކަމެއް ކަމަށާއި އޭގެ އިތުރުން ހިޔާނާތުން ހޯދާފައިވާ ކަމަށް ތުހްމަތުކުރެވޭ ފައިސާއިން އަދީބު ގެނެފައި ދިން ބީއެމްޑަބްލިއު ކާރުކޮޅުގައި ރައީސް ޔާމީން މާލޭގައި ބުރުޖައްސަވަނީ ލަދު ނުގަންނާތީ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަދައްކަވާ އިމްތިޔާޒް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ސިޔާސީ ހުރިހާ ވާދަވެރިން ޖަލަށްލައި ތަޅުއެޅުވި. ގައުމުގަ ހިންގި އެންމެ ބޮޑެތި ޖަރީމާތައް މި ސަރުކާރުން ވަނީ ހިންގާފައި" އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ރާއްޖޭގެ ރައްޔިތުން ނިކަމެތިކޮށް ރާއްޖޭގެ ރަށްތައް ވިއްކަމުންދާ ކަމަށެވެ. އަދި މިކަމަށް ނޫނެކޭ ބުނުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ