Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 11:21
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަހިބަދޫއަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަހިބަދޫއަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ
ޓްވިޓަރ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިސް ފަރާތްތައް ޕާޓީ ދޫކުރެއްވީ އެންމެ ހިތްދަތިވެގެން ދިޔަ ދުވަސްވަރު: ރައީސް ޔާމީން
މިއަށްވުރެ ބޮޑު ފަނޑިޔާރެއްގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭ ދުވަސް އެބައޮތް ކަމަށް ވިދާޅުވި
ޕާޓީ ދޫކުރައްވާ ވަޑައިގެންނެވީ ޕީޕީއެމް އެންމެ ވަރުގަދަ ކުރަން އުޅުނު ދުވަސްވަރު
މަހިބަދޫއަށް ވަޑައިގެންނެވީ އިއްޔެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ގުޅިވަޑައިގެންނެވި މެމްބަރުން ޕާޓީ ދޫކުރެއްވީ އެޕާޓީއަށް އެންމެ ހިތްދަތިވެގެންދިޔަ ދުވަސްވަރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.

Advertisement

އދ. މަހިބަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށްފަހު އައި އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު އައި ހިތްދަތި ދުވަސްވަރު އެބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގެންނެވީ ޕީޕީއެމް އެންމެ ވަރުގަދަ ކުރަން އުޅުނު ދުވަސްވަރުގައި ކަމަށެވެ. އަދި އެމެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދުވަސްވަރު އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރެއްވި މެމްބަރުންކަމަށާއި އެހެންކަމުން އެނބުރި ޕީޕީއެމާއި ގުޅިވަޑައިގެންނެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންނާއި ވަކިވެ ވަޑައިގެންނެވި ތިން ހަތަރު ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރިކަމާއެކީ ވަރަށް ބުރަ އަދި ހައްގު ޝުކުރު އަޅުގަޏޑުމެން އަދާ ކުރަންޖެހޭ ވަރުގެ ފަޚުރުވެރި މަސައްކަތް ކުރެއްވި ބޭފުޅުންނޭ. އަޅުގަނޑުމެން އެދެނީ އެނބުރި އަޅުގަނޑުމެންނާއި ގުޅި ވަޑައިގަތުމަށް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އެ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނެގުން މިހާރު ވަނީ ނިމިފައެވެ. ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީގެ) ކުރީގެ ރައީސް ހުސައިން ލުތުފީ ވަނީ ދޮގު ހެކި ނުދެއްވާނެ ކަމަށް ވިދާޅުވެ ހެކި ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މަހިބަދޫ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރަކީ ބަދަލު ހިފާ ސަރުކާރަކަށް ވެގެންދާކަމަށް ބޭނުން ނުލައްވާކަމަށެވެ. އަދި ސިޔާސީ ފަރާތްތަކާއި ދޭތެރޭ ދޮގު ހެކިނަގާ ދޮގުބަހުން މައުލޫމާތުދީ ކަންތައްތައް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލެއް ނޫންކަމަށާއި އެކަމުގައި ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި އެއީ "މިއަށްވުރެ ބޮޑު ފަނޑިޔާރެއްގެ ކުރިމަތީގައި" ޖަވާބުދާރީވާން ޖެހޭ ދުވަސްކަމަށް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކީ ބަދަލުހިފާ ސަރުކާރަކަށް ވެގެންދާކަމަށް ބޭނުން ނުލައްވާކަމަށް ރައީސް ޔާމީން ވިދާޅުވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ސިޔާސީ ފަރާތްތަކަށް ދައުވާކޮށް ހުކުމްކޮށް ޖަލަށް ލާފައިވެއެވެ. އެ ފަރާތްތަކުގެ ހުކުމްތަކީ ސިޔާސީ ހުކުމްތަކެއްކަމަށް ބުނެ މަތީ ކޯޓުތަކުން އެހުކުމްތައް ބާތިލް ކޮށްފައިވަނީ މި ސަރުކާރު ވެރިކަމަށް އައިތަނާހެންނެވެ.

މިއީ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް ފަހުން ރައީސް ޔާމީނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް