19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތަށް ދޭނީ ''ބީ ޕްލަސް'' އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ނިމުނު 19 ވަަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ދައުރުުގައި މަޖިލީހަށް 31 ބިލެއް ވަނީ ހުށައެޅިފައެވެ. އޭގެ ތެެރެއިން 14 ބިލް ނިމިފައިވާއިރު 17 ބިލް ނުނިމެއެވެ. 21 ގަރާރެއް ހުށައެޅި ނުވަ ގަރާރެއް ނިމި 12 ގަރާރުގެ މަސައްކަތް ނުނިމެއެވެ. މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 15 މައްސަލައެއް ހުށައަޅާފައިވެއެވެ. މަޖިލީސް މެމްބަރުން ތަޅުމަށް ނުވަ މައްސަލައެއް ހުށައަޅާފައިވާއިރު އެ ހުރިހާ މައްސަލަ އެއް ވަނީ ނިމިފައެވެ. މަޖިލީހަށް ހުށައެޅުނު 39 ރިޕޯޓްގެ ތެރެއިން 34 ރިޕޯޓް ވަނީ ނިމިފައެވެ. ދައުރު ނިންމާލިއިރު ނުނިމި ހުރީ ހަތަރު ރިޕޯޓެވެ. މި ދައުރުގައި މިނިސްޓަރުންނަށް ސުވާލު ކުރުމަށް މެމްބަރުން ވަނީ 20 ފަހަރު އެދިފައެވެ. އޭގެ ތެރެއިން 14 ފަހަރު ސުވާލު ކުރެވިފައިވެއެެވެ. އަދި ނުކުރެވެނީ އޮތީ ހަ ފަހަރެެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދައުރުގެ ތެރެއަށް އީދުގެ ހަތް ދުވަސް ވަދެފައިވުމުން ދެ ހަފްތާ އެއްގެ ޖަލްސާ ގެެއްލުނު ކަމަށެވެ. އަދި ފުރަތަމަ ދައުރުވީމާ ބިލްތައް އައުން ލަސްވެގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ބިލްތައް އަންނަން ފެށިއިރު އައީ ގިނަ ބިލްތަކެއް ކަމަށް ނަޝީދު ފާހަގަކުރެެއްވި އެވެ.
ޖުމްލަކޮށް މި ދައުރާ ދޭތެރޭ އަޅުގަނޑު ދެކެނީ ބީ ޕްލަސް އެއް ގޮތަށް. އަދި އެބައޮތް ހަމަ މެމްބަރުންނަށް ވެސް އަޅުގަނޑަށްވެސް ސެކެޓޭރެޓަށްވެސް މި އަންނަ ދައުރު ކިތަންމެހާ ތަނެއް ރަނގަޅު ކުރެވެންމުހައްމަދު ނަޝީދު ~ މަޖިލީހުގެ ރައީސް ~
ނަޝީދު ވިދާޅުވީ، ދައުރު ތެރޭގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން އިނގިރޭސިވިލާތުގެ ވެސްޓް މިނިސްޓަރ ފައުންޑޭޝަންއާ ގުޅިގެން ގިނަ ވޯކްޝޮޕްތަކެއް ހިންގިފައިވާ ކަމަށެވެ. އަދި ތަމްރީން ޕްރޮގްރާމް ތަކުގައި މަޖިލީހުގެ ލެޖިސްލޭޓިވް ޑިޕާޓްމެންޓުގެ ބައެއް މުވައްޒަފުން ވަނީ އިންޑިއާގެ އިތުރުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަމްރީނު ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައި ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަންނަ ދައުރުގައި މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ރޭވިފައި ކަމަށާއި، އެމަނިކުފާނުގެ ނަޒަރުގައި މަޖިލީހެއް ހިންގަން އެންމެ ރަނގަޅު ގޮތަކީ މަދަރުސާއެއް ހިންގާ ގޮތެވެ.