Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:07
މަސްވެރިކަން ދިރުވާ އާލާކުރެވޭނެ ގޮތްތައް ބިލްގައި ވަނީ ކަނޑައަޅާފައި
މަސްވެރިކަން ދިރުވާ އާލާކުރެވޭނެ ގޮތްތައް ބިލްގައި ވަނީ ކަނޑައަޅާފައި
ޓްވިޓަރ
މަޖިލިސް 2019
މަސްވެރިކަމުގެ ބިލް އިސްލާހުތަކާއެކު ފާސްކޮށްފި
މި ބިލް ފާސްކުރަން ފެންނަ ކަމަށް މެމްބަރުން ވަނީ ވޯޓް ދެއްވާފައި
ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
ބިލްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަން ކަނޑައަޅާފައި

މަސްވެރިކަމުގެ ބިލް އިސްލާހުތަކާއެކު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލް ފާސްކުރަން ފެންނަ ކަމަށް 55 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގްބަލްގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ހުށަހެޅުނު ބިލެކެވެ.

ބިލްގެ މަގްސަދުގެ ތެރޭގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ މަގުފަހިކޮށްދިނުމާއި،މަސްވެރިންގެ ދަފްތަރެއް އެކުލަވާލުން މަގްސަދުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސްދޯނިތައް ދިވެހިރާއްޖެއިން ބޭރަށް ގޮސް ބޭރުގެ ބާޒާރުގައި މަސްވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި،ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭ ދޮށު މަސްފެކްޓްރީތައް ގާއިމްކުރުމަށް މަގު ފަހިކުރުން ހިމެނެއެވެ. މީގެ އިތުުރުން ދިވެހި މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް "އޯފްޝޯ ޕްލެޓް ފޯމެއް" ގާއިމްކުރުމަށް ފުރުސަތު ހޯދައިދިނުމާއި، ރާއްޖޭގައި މަސްދޯނި ފަހަރާއި މަސްބޯޓްތައް ބަނުމުގެ ވިޔަފާރި ކުރުމާއި،މަސްވެރިންގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުން ހިމެނެއެވެ. މަސްވެރިކަމާއި ގުޅޭ އިންސްޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމްކުރުމާއި، މަސްވެރިކަމާއި ގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުން ވެސް ބިލްގެ މަގްސަދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

Advertisement

މީގެ އިތުރުން މި ބިލްގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، މާކަނޑުގައި ދިވެހިން ކުރާ މަސްވެރިކަމާއި، އަދި ދިވެހި އުޅަނދުފަހަރުގައި މާކަނޑުގައި ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމާއި، ގާނޫނާއި ގަވާއިދާއި ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓް ކުރުމެއްނެތި ކުރާ މަސްވެރިކަން މަދުކޮށް، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާން ކޮށްފައެވެ. އަދި އެކުއަރކަލްޗަރގެ ސިނާއަތު ރާވައި ހިންގައި ބެލެހެއްޓުމަށް ފުރިހަމަ ގޮތްތައްވެސް ބިލްގައި ވަނީ ކަނޑައަޅާފައެވެ

ބިލްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަން ކަނޑައަޅާފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަންގެ ގޮތުގައި ބިލްގައި ކަނޑައަޅާފައިވަނީ ބޮޑު ދަލުގެ މަސްވެރިކަން، އޮޔާދާ ދަލުގެ މަސްވެރިކަން، ދަމާ ދަލުގެ މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަމެވެ. އޭގެއިތުރުން ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރާ މަސްވެރިކަން ވެސް އެއީ މަނާކަމެއްކަމަށް ބިލްގައި ހިމަނާފައިވެއެވެ.

މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލެންސް އާއި ބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑް އާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒް ކުރަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ދޫކުރާ ލައިސަންސް ނެތި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޚިލާފަށް އެއްވެސް އުޅަނދަކުން މަސްވެރިކަން ކުރުމާއި އެއާއި ގުޅުން ހުރި ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމުގައި ބިލްގައި ވަނީ ކަނޑައަޅާފައެވެ. ބިލްގައިވާ ގޮތުން އެފަދަ ކުށެއް ކޮށްފިނަމަ، އެ ކުށެއް ކުރި އުޅަނދުގެ މާސްޓަރ، ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތުން، އެއިން ކޮންމެ ފަރާތެއް ވަކިވަކިން ހަތަރު ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރް މިނިސްޓްރީއަށް ލިބިގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް