ކ. ތުލުސްދޫ އާއި ހިންމަފުށީގައި ނަރުދަމާގެ ނިޒާމްގެ މަސައްކަތް އޮޕަރޭޓަރަކާއި ހަވާލުނުކުރެވި ލަސްވެފައިވަނީ ހަވާލުވާންޖެހޭ ކުންފުނި ސްޓެލްކޯ އިން އެކަމާއި ހަވާލުނުވެގެން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނާއި އެކަމާއި ގުޅޭ ގޮތުން ދެންނެވުނު ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރާއި ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއެވެ.
މެމްބަރު އިބްރާހިމް ނަސީމް، މިނިސްޓަރާއި ސުވާލުކުރެއްވާފައިވަނީ ކ. ތުލުސްދޫ އާއި ހިންމަފުށީގައި ނަރުދަމާގެ ނިޒާމް ނިމިފައި އޮންނަތާ ގިނަ މަސްތަކެއް ވެފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެ މަސައްކަތް އޮރޭޓަރަކާ ހަވަލުކޮށްފައި ނުވާތީ އާއި އެ މަސައްކަތް އޮޕަރޭޓަރަކާ ހަވާލުނުކޮށް ލަސްވާ ސަބަބަކީ ކޮބައިތޯ ބެއްލެވުމަށެވެ.
މިނިސްޓަރ ހުސައިން ވިދާޅުވީ ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާގެ ނިޒާމް އޮޕަރޭޓަރަކާއި ހަވާލުނުކުރެވި ލަސްވެގެންދަނީ ހަވާލުވާންޖެހޭ ކުންފުނި ސްޓެލްކޯ އިން ހަވާލުނުވެ، އެކަމަށް ފަސްޖެހެމުންދާތީ ކަމަށެވެ. އެ ހިދްމަތް ދިނުމަށް ފެށޭނީ ކަނޑައެޅިގެން ވަކި ތާރީޚެއްގައި ކަމަށް ދަންނަވަން ދަތި ކަމަށާއި، އުއްމީދު ކުރައްވަނީ މި މަހުގެ ތެރޭގައި އެ ދެރަށުގެ ފެނާއި ނަރުދަމާގެ ހިދްމަތް ފެއްޓެވުމަށް ކަމަށް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.
ތުލުސްދޫ އަދި ހިންމަފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ނަމަވެސް އެ ނިޒާމްގައި މައްސަލަތަކެއް ހުރިކަން ސްޓެލްކޯއިން ފާހަގަކޮށްފައިވާ ކަމަށް ހުސެއިން ވިދާޅުވިއެވެ. އެގޮތުން ޕެނަލް ބޯޑްގެ ބޭރުގައި ހުންނަންޖެހޭ ސްވިޗެއް އެތެރޭގައި ހުރުމާއި، ނަރުދަމާ ނިޒާމްގެ ސްވިޗް ޓްރީޓްމަންޓް ޕްލާންޓަށް ކަރަންޓް ދޫކުރުމުގައި މައްސަލަތައް ހުރިކަން ސްޓެލްކޯއިން ފާހަގަކޮށްފައިވާ ކަމަށެވެ.
ހުސެއިން ވިދާޅުވީ ތުލުސްދޫގެ ނަރުދަމާ ނިޒާމް ފަރުމާކުރެވިފައިވަނީ ސްވެޖް ޓްރީމަންޓް އާއި ނުލައިވެސް ބައިޕާސްކޮށްގެން އެކަންކުރެވޭ ގޮތަށް ވާތީ، ބައިޕާސްކޮށްގެން އެ ހިދްމަތް ފެށުމަށް މިނިސްޓްރީން ސްޓެލްކޯގައި އެތައް ފަަހަރަކު އެދިފައިވާ ކަމަށެވެ. ސްޓެލްކޯއިން އެދުނު މުއްދަތުވެސް ދިން ކަމަށާއި، މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެކަން ކޮށްފައިވާ ކަމަށެވެ.
26 އޮގަސްޓްގައި ބޭއްވި ބައްދަލުވުމުގައި މި ދެ ނިޒާމްގެ ހިދްމަތް ފޯރުކޮށްދިނުމުގައި ހަގީގަތުގައި ހުރަހެއް ނެތް ކަމަށް ފާހަގަކުރެވިފައިވާތީ އޮޕަރޭޓިންގ ލައިސަންސް ހޯދާ ހިދްމަތް ފެށުމަށް 2 ސެޕްޓެމްބަރުގައި ދެވަނަ ފަހަރަށް ސްޓެލްކޯއަށް އެންގުނު.މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.
ކ. ތުލުސްދޫގައި އާއި ހިންމަފުށީގެ ނަރުދަމާ ގާއިމްކުރުމަށް ޝިޔާ ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 20 ޖުލައި 2017 ގައެވެ. އެ މަޝްރޫއަކީ އައިޑީބީގެ ލޯން އެހީގެ ދަށުން ހިންގުނު މަޝްރޫއެކެއެވެ.ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއު ނިމުނީ 10 މެއި 2019 ގައެވެ.