ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުން އެމަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒް އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދި ހުށައަޅުއްވާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި ހުންނެވުމަށްފަހު ޑްރަގް ކޯޓު އުފެއްދުމާއި ގުޅިގެން އެ ކޯޓަށް މަހާޒު ގާޒީއަކަށް ބަދަލުވެވަޑައިގެންނެވީ 2012 ފެބްރުއަރީގައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އޭނާ ހުންނެވީ ޑްރަގް ކޯޓުގެ ގާޒީގެ މަގާމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަންކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގެން ޖޭއެސްސީއަށް ހުށަހެޅުއްވިއިރު، އެ ކޮމިޝަނުން ގެންދަނީ މަހާޒްގެ ފަރާތުން ރިވިއުކުރުމަށް ހުށަހެޅި މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައަކީ 2015 ވަނަ އަހަރު އެ ކަމިޝަނުން އޭނާއަށް އިންޒާރު ދިން މައްސަލައެކެވެ. ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ޕީޖީއަކު ނެތް ދުވަސްވަރު މަހާޒު ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގުގައި އެކަމާ ބެހޭ ލިޔުމެއް ޝާއިއު ކުރައްވާފައެވެ. އެކަމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހު 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީއިން ނިންމާފައިވަނީ އޭނާއަށް އިންޒާރު ދިނުމަށެވެ.
ބުރާސްފަތި ދުވަހުގެ 12:00 އަށް ސުންގަޑި ހަމަވިއިރު ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ހައިކޯޓުގެ ފަނޑިޔާރު ސަމީރުވެސް ކުރިމަތިލެއްވިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗް 7 އަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން ވަނީ ބުދަ ދުވަހު އައްޔަން ކުރައްވާފައެވެ.