Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 06:29
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ރިލްވާން މައްސަލައިގެ ޑްރާފްޓް، ޕީޖީ ލީޑަރުން އަތުން އަނބުރާ ނުނަގާ: މަޖިލިސް
ސިއްރު ހެކިވެރިންގެ މައުލޫމާތު ހިމެނޭ
ބައެއް ގާނޫނީ ވަކީލުން ދަނީ ކަންބޮޑުވުންފާޅުކުރަމުން

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓަރީ ގުރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

އެ ރިޕޯޓްގައި ރިޔާސީ ކޮމިޝަނަށް ބަޔާން ދީފައިވާ ސިއްރު ހެކިވެރިންގެ މައުލޫމާތުތަކުގެ އިތުރުން، އާންމުނަށް ސިއްރުކުރެއްވިފައިވާ ގިނަ މައުލޫމާތުތައް ހިމެނެއެވެ. އެހެންކަމުން އެރިޕޯޓް ލީކްވެ އާއްމުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓްގެ ޑްރާފްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، އެރުއްވީ މިމަހުގެ 02 ވަނަ ދުވަހެވެ. އަދި ނަޝީދު ވަނީ އެރިޕޯޓް ރައްޔިތުން މަޖިލީހުގެ ޕީޖީ ލީޑަރުންނަށް ދެއްވާފައެވެ.

ބައެއް ގާނޫނީ ވަކީލުން ކަންބޮޑުވުންފާޅު ކުރައްވާ ވިދާޅުވީ ރިޕޯޓް ލީކްވެއްޖެނަމަ މައްސަލައަށް ހުރަސްއެޅި ބައެއް ހެކިތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

Advertisement

ރިޔާސީ ކޮމިޝަންގެ ހުލާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓްގައި ރިލްވާން މަރާލި ގޮތާއި، ރިލްވާން މަރާލުމުގައި ބައިވެރިވި މީހުންގެ މައުލޫމާތުތައް ވަނީ ވަރަށް ތަފްސީލްކޮށް ހާމަކޮށްފައެވެ. މި ބަޔާނުގައި ސިއްރުން ހެކިބަސްދީފައިވާ 2 ހެކިންގެ ތެރެއިން 1 ހެކިވެރިޔަކު ކޮމިޝަނަށް ދިފައިވާ ބަޔާނުގައި، ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށްކަމަށް ބުނެފައެވެ. އަދި އެ ދޯންޏަކީ ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ކަމަށާ މި ދޯނީގެ އިތުރުން އެހެން ދޯންޏެއްވެސް އެމީހުން އާމްދަނީ ހޯދަން ބޭނުންކުރާކަމަށް މި ބަޔާނުގައި ފާހަގަަކޮށްފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނެވެ. އަދި އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނެވެ. ހަސަން އަލީ ވަނީ އެކަމަށް ތަހުގީގީ އިދާރާއަށް ބަޔާނެއް ވެސް ދެއްވާފައެވެ. އެކަމުގައި ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އަދީބު އެމްއެންޑީއެފްގެ ސީނިއާ ފަރާތަކަށް ކޮޕީ ހޯދުމަށް އެދުނުކަން ތަހުގީގަށް ވަނީ އެނގިފައެވެ.

އަދީބު ވެސް، ރިލްވާން މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އަށް މެސެޖުކޮށްފައިވެއެވެ. އަދި މި މެސެޖަށް ފަހު އެކަމުގައި ހައްޔަރުކުރި އެ މީހާ ބަންދުން ވަނީ ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް