ސިއްހީ މައްސަލަތަކެއް ހުރި ކޭބާން ޖަމްޝާދްއަށް އޮސްޓްރޭލިއާ ވިސާ ހަމަޖައްސައިދިނުމަށް ދެކޮޅު ހަދަމުންދާތީ މިމައްސަލައަށް ހައްލު ހޯދައިދިނުމަށް ދިވެހި ސަރުކާރުން އެދެފިއެވެ.
ބުދަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާއަށް ވިސާ ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ނަމަވެސް މިކަމުގެ ތަފްސީލެއް މިނިސްޓަރު ޝާހިދު ނުދެއްވައެވެ.
އެއާއިލާއިން ވިސާ ހަމަނުޖެހުނީ ހަމައެކަނި ކޭބާންއަށްށެވެ. ކޭބާންއަށް ވިސާ ނުދިން ސަބަބު ސާފުކޮށްދެމުން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒްއިން ބުނީ، ހިޖުރަކުރުމުގެ ގަވައިދުގެ ތެރެއަށް ކޭބާންގެ ވިސާ އެޕްލިކޭޝަން ނުފެތޭ ކަމަށެވެ. އެސްބީއެސް ނޫހަށް މައުލޫމާތު ދިން މައިގްރޭޝަން އެޖެންޓް އަދި ޑިސްއެބިލިޓީ ސްޕެޝަލިސްޓު ޑރ. ޔާން ގޮތަރޑް ބުނީ ގަވައިދު ބުނާ ގޮތުން، ވިސާއަށް އެދި ހުށައަޅާ މީހެއްގެ ސިއްހީ ފަރުވާގެ ހަރަދު 49000 އޮސްޓްރޭލިއާ ޑޮލަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ. ކޭބާންގެ ވިސާ ރިޖެކްޓްކުރި ސިޓީގައި ބަޔާންކޮށްފައިވަނީ ދަރުމައިގެ ތެރެއިން ވެސް ކޭބާންގެ ވިސާގެ ހުށައެޅުމަށް ލުޔެއް ދެވެން ނެތް ކަމަށެވެ.
ދިވެހި ދެމަފިރިންނަށް ލިބިފައިވާ ތިން އަހަރުގެ ކޭބާންއަށް ދުވާލާއި ރޭގަނޑު އަޅާލުމާއި ހާއްސަ ފަރުވާތަކެއް ދޭނެ ޖެހެއެވެ. ހަފުތާއަކު އެއް ފަހަރު ކޭބާންގެ ހިމޮފީލިއާއަށް ރައްކާތެރުވުމުގެ ގޮތުން ޕްރޮފިލެކްސިސް (ޕްރިވެންޓެޓިވް ހެލްތްކެއަރ) ފަރުވާ ބަންބަރީ ހޮސްޕިޓަލުން ހޯދައެވެ. އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު ޕަރތްގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލަށް ދައްކަން ޖެހޭއިރު، ދުވާލަކު ދެ ފަހަރު ސީޜަރ (އިދިފުށަށް ދެމުން) އިން ރައްކާތެރިވުމަށް ބޭސްކާން ޖެހެއެވެ.
މީގެ ތެރެއިން ޕްރޮފިލެކްސިސް ފަރުވާއަށް ދާ ހަރަދު އޮސްޓްރޭލިއާ ސަރުކާރުން ހަމަޖެހިފައިވާ އިރު، ޝިޒްލީން އާއި އަހުމަދު ބުނެފައިވަނީ އިތުރު ހުރިހާ ފަރުވާއަކަށް ހަރަދުކުރަނީ އަމިއްލަ ޖީބުންނާއި އެމީހުންގެ ޕްރައިވެޓް ހެލްތް ފަންޑުން ކަމަށެވެ. ނަމަވެސް ވިސާ ހަމަ ނުޖެހި ރާއްޖެ އަންނަން ޖެހިއްޖެނަމަ ބޭސްފަރުވާ ނުދެވި ފުރާނައަށް ނުރައްކާވާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.