ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސަތްކަތް މޯލްޑިވްސް ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ހަވާލުކޮށްފިއެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބުދަ ދުވަހުގެ މެންދުރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރި ހަތަރު ރަށުގެ މަޝްރޫއުގައި ވެސް އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.
ބ. ގޮއިިދޫއާއި ރ. ކިނޮޅަސް، ނ. ކުޑަފަރީގެ އިތުރުން ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ގާއިމުކުރުމަށް ފެންކުންފުންޏަށް ވަނީ 22 މަހުގެ މުއްދަތެއް ދީފައެވެ.
- ބ.ގޮއިދޫ : 46.3 މިލިއަން ރުފިޔާ
- ރ.ކިނޮޅަސް : 36 މިލިއަން ރުފިޔާ
- ނ.ކުޑަފަރީ : 38.2 މިލިއަން ރުފިޔާ
- ނ.މާޅެންދޫ : 42.9 މިލިއަން ރުފިޔާ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ވަކި ރަށެއް އިސްތިސްނާ ނުކޮށް ދިވެހި ރާޢްޖޭގެ ކުދި ބޮޑު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށާއި އެ ވައުދު ފުއްދައިދިނުމަށްޓަކައި އެމްޑަބްލިއުއެސްސީގެ ހުރިހާ މުވައްޒަފުން ތިބީ ތައްޔާރަށްކަމަށެވެ. އެގޮތުން ކުންފުނީގެ އަމާޒަކީ ހަވާލުކުރެވިފައިވާ މަސަތްކަތް ދީފައިވާ މުއްދަތަށް ނިންމައި އެ ރަށްތަކުގެ ރައްޔިތުންނަށް ނަފާ ލިބޭ ގޮތް ހަދައިދިދުންކަމަށް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މަސަތްކަތުގައި ބޭނުންކުރާނީ ކޮލިޓީ އަދި އެންމެ ޒަމާނީ ވަސީލަތްތަށް ކަމަށާއި ހަރަދު ކުޑަކުރަން ހަދައި މާ ގިނަ ދުވަހެއް ނުވެ އަނެއްކާ އެތައް ހަރަދެއްކޮށް ރައްޔިތުން އިތުރު ތަކުލީފުތައް ޖައްސާ ބަޔަކަށް އެ ކުންފުނި ނުވާނެކަމަށެވެ. އާޒިމް ވަނީ އެ ރަށްތަށް ނިސްބާތްވާ ދާއިރާތަށް ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރުންނަށް ޝުކުރުއަދާކުރައްވާފައެެވެ.