Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 16:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ަމަޖިލިސް 2019
މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމް ކުރާ ބިލްތައް ބަލައިގަނެ ކޮމިޓީއަށް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި،އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ބަލައިގެންފައި
ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ ހުރިހާ ކޮމިޝަންތަކުގެ ހިންގުމުގެ އުސޫލްތައް އެއްގޮތް ކުރުން
މި ބިލްތައް ވަނީ އިތުރަށް ދިރާސާ ކުރުމަށް ވަނީ ކަމާއި ގުޅުން ހުރި ކޮމިޓީތަކަށް ފޮނުވާފައި

ދައުލަތުގެ މުސްތަގިއްލު މަގާމްތަކާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމްކުރާގޮތަށް މުސްތަގިއްލު ބައެއް މަގާމްތަކާއި، ބައެއް މިނިވަން މުއައްސަސާތަކާއި ބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބައެއް ބިލްތައް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 66 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. މި ބިލް ވަނީ އިތުރަށް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 69 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. މި ބިލް ވަނީ އިތުރަށް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސުން އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މި ބިލްތައް ހުށަހަޅުއްވާފައިވަނީ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

Advertisement

މުސްތަގިއްލު ކޮމިޝަންތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ ހުރިހާ ކޮމިޝަންތަކުގެ ހިންގުމުގެ އުސޫލްތައް އެއްގޮތް ކުރުމެވެ.

ރައީސް އޮފީހުން ބުނީ މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޢަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތް ހެދުން ގާނޫނަށް އިސްލާހުގެ ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރިކޮށް ނުވަތަ މަސްލަޙަތު ފުށުއަރާ ފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ޚިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުން ވެސް މި ޤާނޫނުތަކަށް ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަންތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް މަޖިލީހަށް ބަލައިގަނެ ވަނީ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވަނިކޮށް،އިންތިޚާބު ބާއްވާ ތާރީޚް ކައިވެރިވެފައިވަނިކޮށް އެ ޝަރުތުތަކަށް ބަދަލުގެނެސްފައިވާތީ، އެއީ ވަކި ފަރާތްތަކަކަށް ޓާގެޓްކޮށްގެން ގެނެވުނު އިސްލާހެއްކަމަށް ބެލޭވޭތީ، އެބައި އުނިކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްހާލު ގެނައުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް