ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ލާމަރުކަޒީ ނިމާޒަކީ އެމްޑީޕީގެ ބަނޑުން އުފަންވީ ދަރިއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ލާމަރުކަޒި ނިމާޒަކީ އެމްޑީޕީގެ ބަނޑުން އުފަންވެފައިވާ ދަރިއެއް ކަމަށްވާއިރު އެދަރި އެމްޑީޕީ އަތުން ބީވިޔަ ދީގެން ނުވާނެ ކަމަށެވެ.
އެހެންކަމުން ރައްޔިތުން އަނެއްކާވެސް މިސަރުކާރަށް ނޫނެކޭ ބުނެ ލާމަރުކަޒީ ނިޒާމް އަށަގެންނެވުމަށް ލިބިގެންދާ ފުރުޞަތުގައި އެކަމަށް އިޖާބަދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިސަރުކާރަކީ ރައްޔިތުންގެ މިލްކިއްޔާތު ހުސްކޮށްލާ ސަރުކާރެއް ކަމަށާއި އެގޮތުން މިސަރުކާރުގެ ވަކި ބައެއްގެ ޖީބަށް އެމިލްކިއްޔާތުގައި ހުރި ފާއިސާ ހުސްކޮސްލާތަން ފެންނަމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންކަމުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބޮޑު ބައްޔަކުން ބަލި ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފަޅުރައްތަކާއި ބިންތައް ވިއްކާލާތަން ބަލަން އެމްޑީޕީއެއް ނޯންނާނެ ކަމަށާއި އެކަން ވިޔަ ނުދިނުމަށްޓަކައި އެމްޑީޕީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވަމުން ފ.އަތޮޅު ވިއްކާނުލުމަށް ބުނުމަކީ ޤާނޫނީ ކުށެއް ނޫން ކަމަށްވެސް ހަސަން ލަތީފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
އަދި މިސަރުކާރުން ފ.އަތޮޅު ވިއްކާލުމަށް ކުރަމުންދާ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއް ކަމުން މި ބިމުން ބައެއް އެހެން އެއްވެސް ފަރާތަކަށް ވިއްކިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންއަށް ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރަން ނުކެރޭނެ ކަމަށާއި އިންތިޚާބު ބާއްވާ މި ސަރުކާރު އިންތިޚާބުން ބަލިކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.